ސަރުކާރުގެ ފައުޖުތައް ބަލިކޮށް ރަތްކަނޑާއި ބާބުލް މަންދަބުގެ ކޮންޓްރޯލް ހޫޘީން ނަގައިފި

ޚަބަރު ފަހުގެ ދުނިޔެ

ރަތްކަނޑުގެ އައްސޭރިފަށުގެ ހުރިހާ ސަރަހައްދުތަކެއް ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެ ކަމަށް ޔަމަނުގެ ހޫޘީން އިއުލާން ކޮށްފިއެވެ.

ހޫޘީ އަސްކަރިއްޔާ، އަންސާރުﷲގެ ތަރުޖަމާނު ޔަހްޔާ ސަރައީ ވިދާޅުވީ، ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ ސަރުކާރުގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުންދިޔަ ތައީޒް އަދި ހުދައިދާގެ ހުރިހާ ރަށްތަކެއް، އަންސާރުﷲއިން ހިފާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަންސާރުﷲގެ ހަމަލާތަކުގައި، ރަތްކަނޑުގެ އައްސޭރި ފަށުގައި ޔަމަނު ސަރުކާރުގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުންދިޔަ 6 ރަށެއް ހިފާފައިވާ ކަމަށްވެސް އިއުލާން ކޮށްފައި ވެއެވެ. އަދި އެ ރަށްތަކުގައި ތިބި ސިފައިންގެ އެތައް ބަޔަކު މަރައި އެތައް ބަޔަކު ހައްޔަރުކޮށް އަދި އެމީހުންގެ ހަތިޔާރުތައްވެސް ހޫޘީންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ސަރަހައްދުތަކުގައި އަންސާރުﷲގެ ހަނގުރާމަވެރިންނާއި، ޔަމަނު ސަރުކާރުގެ ފައުޖުތަކާ ދެމެދު ވަރަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ. މި ހަމަލާތަކުގައި މިސައިލާއި، ޑްރޯން ބޭނުންކޮށްފައި ވާއިރު، އަސްކަރީ ޖެޓުތައްވެސް ބޭނުންކޮށްފައި ވެއެވެ.

އަންސާރުﷲއިން ދިން ވަރުގަދަ ހަމަލާތަކަށްފަހު ރަތްކަނޑުގެ އައްސޭރިފަށުގެ ރަށްތަކާއި އަދި މުޅި ބާބުލް މަންދަބުވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެވިފައިވާކަން އިއުލާން ކޮށްފައި ވެއެވެ. ބާބުލް މަންދަބުގައި ހޫޘީންގެ ކޮންޓްރޯލް ނެތި އެންމެފަހުން އޮތް ދެ ރަށްވެސް އެމީހުން މިހާރު ވަނީ ހިފާފައެވެ.

ބާބުލް މަންދަބު ކަނޑު، ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް އައި ނަމަވެސް، ކަނޑުއުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އެކަމާ ކަންބޮޑު ނުވުމަށާއި، ސައުދީ އަރަބިއްޔާގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް ގައުމެއްގެ އުޅަނދަކަށް ހުރަހެއް ނެތްކަމަށް ހޫޘީން އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރައީ ވިދާޅުވެފައި ވެއެވެ.

ސައުދީ އުޅަނދުތަކަށް ބާބުލް މަންދަބު ހުރަސްކުރެވޭނީ، ހޫޘީ ސަރުކާރާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކަނޑުމަގުން އަޅާފައިވާ ބްލޮކޭޑް އުވާލުމުން ކަމަށްވެސް، ހޫޘީ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ފައުޖުތައް ބަލިކޮށް އެތައް ހިސާބެއް ޙޫޘީން ހިފި ނަމަވެސް، ސަރުކާރު ފައުޖުތަކުން އަދިވެސް ހޫޘީންގެ ތަންތަނަށް ހަމަލާތައް ދެމުން އެބަ ގެންދެއެވެ.

ސަރުކާރު ފައުޖުގެ މައްޗަށް ހޫޘީން ހޯދި ކުރިއެރުމާ ގުޅިގެން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ލަޝްކަރު، ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ، ކުއްލި ބައްދަލުވުމަކަށް މިހާރު ސައުދީ އަރަބިއްޔާއަށް ދަތުރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ