ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް 3-1 އިން ކުރިހޯދައި ކުލަބް އީގަލްސްއިން މޮޅަކުން ލީގު ފަށައިފިއެވެ. މި ބިސް ބުރުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 16 ވަނަ މިނިޓްގައި އީގަލްސްއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އާމިރު އެލް ސެޑެކް މުހައްމަދު އެވެ. މި ލަނޑަށްފަހު ވެސް އީގަލްސްއަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
އެގޮތުން މުޅިން ހުސްކޮށް ހުރެ އީގަލްސްގެ ފޯވާޑް ޒައިން ޒަފަރު ފޮނުވާލި ބޯޅައެއް ބޭރުވީ އަރިމަތީ ދަނޑިކައިރިންނެވެ.
އެކަމަކު މެޗުގެ 35 ވަނަ މިނިޓްގައި ޒައިން ވަނީ ހިތް ގައިމު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ބިސްބުރުގެ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޒައިން ކާމިޔާބުކުރި ލަނޑެކެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނިޓްގައި ބިސް ބުރުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 54 ވަނަ މިނިޓްގައި ބިސް ބުރުގެ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޒިދާން އީސާއެވެ.
މެޗުން އީގަލްސް މޮޅުކޮށްދިން ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި އީގަލްސްއަށް ޖަހައދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް އީސަ (މެސީ) އެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އީސަ ޖަހައިދިން ގޯލެކެވެ.


