ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ސައުދީ އަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ އެވެ.
ހުޅުމާލޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތަށް ކިޔަނީ، “ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ” އެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ އާކިޓެކްޗާގެ ރީތިކަމާއި، ރާއްޖޭގައިވާ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ، އަދި އީމާންތެރިކަމާއި، ޢިލްމާއި، އެކުވެރިކަމާއި، އިޖުތިމާޢީ ގުޅުމުގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްކުރާނެ ބިނާއެއް ކަމަށެވެ.
މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ އެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.


