ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އަށް ތާރީހީ ކާމިޔާބެއް

ކުޅިވަރު ފަހުގެ

ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ތާރީހީ މޮޅެއް ހޯދައިފި އެވެ. މިއީ ދިވެހި ލީގުގައި މުޅިން އަލަށް ވާދަކޮށް ދިއްދޫން ހޯދި ފުރަތަމަ ތިން ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ބުރު ފެނުނީ ވަރަށް ފޯމުގައި ކުޅެލިތަނެެވެ. އެ ގޮތުން، އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ބޯޅައެއް ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން މަތަކުރިިއިރު، ބުރުގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދިއްދޫން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް، މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން، ދިއްދޫ ޓީމުގެ ފޯވާޑް ގާނާގެ ގިޑިއެން ޓިޓޭ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް އަތްދަށުން ގޮހެވެ.

މި ލަނޑަށްފަހު ވެސް ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން އެންމެ ހުސް ފުރުސަތެއް ލިބުނީ ބުރުގެ އެޑުއާޑޯ އަށެވެ. މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލަން އޭނާއަށް ލިބުނު ނަމަވެސް ބޯޅަ ފޮނުވާލުން ލަސްވުމުން ދިއްދޫގެ ޑިފެންޑަރުން ވަނީ އެ ބޯޅައަށް ހުރަސްއަޅާފައެވެ.

މި މެޗުގެ ފަހުކޮޅު ދިއްދޫއަށް ލިބުނު ހުސް ފުރުސަތެއްގައި ހުސެއިން ޒިމްޔާން ބޯޅަ ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވަން ކުރި މަސައްކަތުގައި ބުރުގެ ޝަމްވީލް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ދިއްދޫގެ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނަން ޖެހޭނީ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވިކްޓްރީން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޓީސީ އަތުން 1-5 އިން މޮޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ