މިއަދަކީ ޅެންވެރިންގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރެވެނީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި އިލްމުވެރި ޅެންވެރިއަކާ ގުޅުވައިގެންނެވެ. އާދެ، ޅެންވެރިކަމުގެ ދުވަސް ފާހަގަކުރެވެނީ ދިވެހި މިލްޓަން ކަމުގައި ބުނެވިދާނޭ މަރްހޫމު ޝިހާބުގެ އަހަރުމަތިފުޅު ދުވަހަށް ނިސްބަތްކޮށެވެ.
ދިވެހި ޝާއިރުއް ޝަބާބް، އިނގިރޭސި ޖޯން މިލްޓަންއާ އެއްގޮތް ކުރެވެން އޮތީ ކިހިނެއްތޯ، ފަހަރެއްގައި، ސުއާލުކޮށްފާނެއެވެ. އެ ސުއާލުގެ ޖަވާބުގައި ދަންނަވަންޖެހޭ ދެތިން ވާހަކައެއް އެބަ އޮތެވެ. އެންމެ ފުރަތަމަ ދެ ޝާއިރުންނަކީ ވެސް ވަރަށް އިލްމީ ދެ ބޭފުޅުންނަށްވީ ކަމެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި ބޭފުޅުނަށްވީ ކަމެވެ. އަމިއްލަ ބަހުގެ އިތުރުން، ދެ ޝާއިރުންނަކީ ވެސް، ބޭރު ބަސްބަސް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ޝާއިރުންނެވެ. އިނގިރޭސި ބަހުގެ އިތުރުން ލެޓިން ބަހާއި ޔޫނާނު ބަހާއި އަދި އިޓަލީ ވިލާތުގެ ބަސް ވެސް ޖޯން މިލްޓަން ދެނެވަޑައިގަނެއެވެ. އަދި، އާ އިނގިރޭސި ބަސްތައް ލެޓިން ބަހާއި އަދި ޔޫނާނީ ބަސް މެދުވެރިކޮށް އުފެއްދެވިއެވެ. މީގެ އިތުރުން، ޅެންވެރިކަމުގައި ‘އާޅެން’ ވެސް އުފެއްދެވިއެވެ. ހަމަ މިފަދައިން، މަރްހޫމު ޝިހާބަކީ ވެސް ބޭރު ބަސްބަސް ދެނެވަޑައިގެން ހުންނެވި އަދީބެކެވެ. ޝާއިރެކެވެ. ޚާއްސަ ގޮތެއްގައި އުރުދޫ ބަހާއި އަރަބި ބަހެވެ. އަދި ހަމަ މިލްޓަން ފަދައިން، އެތައް އާ ބަސްތަކެއް، އަރަބި ބަހާއި އަދި އުރުދޫ ބަހުގެ ތެރެއިން ދިވެހީގައި އާންމު ކުރެއްވިއެވެ. (މީގެ ބައެއް މިސާލުތައް މިއަދު ހުށަހަޅާލަން ގަސްދުކުރާ ޅެމުން ފެނިގެންދާނެއެވެ.) ހަމަ އެހެންމެ، ދިވެހި ޅެން ބަހުރުވައިގެ އާ ޅެން ވެސް އުފެއްދެވި ވެސް މެއެވެ. (ތިރީގައި މިސާލެއް ލިޔެލާނަމެވެ.). މިކަންކަމުގެ އިތުރުން ވެސް ޖޯން މިލްޓަންއާއި މަރްހޫމް ޝިހާބާއި އެއްގޮތްވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. މިލްޓަންގެ ނަން އިނގިރޭސި އަދި ދުނިޔޭގެ އަދަބީ އާލަމުގައި ބިންވަޅުނެގިގެން ދިޔައީ ސުވަރުގެއާ ބެހޭ ގޮތުން އޭނާ ލިޔުއްވި ‘ޕެރަޑައިސް ލޮސްޓް’ (ސުވަރުގެ ގެއްލުން) އާއެވެ. އަދި ފަހުން އޭނާ ލިޔުއްވި ‘ޕެރަޑައިސް ރީގެއިންޑް’ (ސުވަރުގެ އަނބުރާ ލިބުން) ވެސް މަޝްހޫރުކަން ހޯދިއެވެ. ހަމަ އެފަދައިން، މަރްހޫމު ޝިހާބުގެ ވެސް އެންމެ މަޝްހޫރު ޅެން ކަމުގައި، މިއަދު ހުށަހަޅާލަން ގަސްދުކުރާ، އޭނާ އެކުލަވާލެއްވި ‘ސުވަރުގެ’ ބެލެވިދާނެއެވެ. ކޮންމެ އަކަސް ޖޯން މިލްޓަން ބެލެވިފައިވަނީ އިނގިރޭސި ބަހުގެ އެންމެ މުހިއްމު ލިޔުންތެރިޔާކަމުގައެވެ. ހަމަ އެފަދައިން މަރްހޫމު ޝިހާބަކީ ދިވެހި ބަހުގެ އެންމެ މުހިއްމު ދިވެހި ލިޔުންތެރިންގެ ތެރޭގައިވެސް އެންމެ ކުރީ ސަފުގައި ހިމަނާލެވޭނޭ އަދީބެކެވެ.
މަރްހޫމު ޝިހާބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1922 ވަނަ އަހަރު އޮކްޓޯބަރު މަހު ދިހައެއްގައެވެ. އަވަހާރަވީ 1989ގެ ޖަނަވަރީގެ 15ވަނަ ދުވަހުއެވެ. ޅެންވެރިކަމުގެ ބަދަލުނަމެއްގެ ގޮތުން ޝާއިރުއް ޝަބާބް އަދި ގުލްފާމު ބޭނުންކުރެއްވިއެވެ.
މަރްޙޫމު ޝިހާބަކީ ޅެންވެރިކަމުގެ އިތުރުން ވަރަށް ވެސް އިލްމީ ބޭފުޅެކެވެ. ދިވެހީ ތާރީޚާއި އަދި އިސްލާމީ ތާރީޚެވެ. އަދި، މެދުއިރުމަތީގެ ސިޔާސީ ތާރީޚެވެ. 1982ގައި މަދީނާގައި އަޅުގަނޑުމެންނާ ބައްދަލުވުމުގެ ފުރުސަތު ލިބުނެވެ. އަދި، މެދުއިރުމަތީ ސިޔާސީ ތާރީޚުގެ ބައެއް ވާހަކަތައް މިނާގައި އަޅުގަނޑުމެންނަށް ވިދާޅުވެދެއްވިއެވެ. މީގެ އިތުރުން، މަރްހޫމު ޝިހާބަކީ ރާއްޖޭގައި މިހާ ތަނަަށް އުފެދުނު އެންމެ ދޫ ހިނގާ ޚަތީބުންގެ ތެރޭގައި ހިމެނިވަޑައިންގަންނަވާ ވާހަކަ ޚަތީބެކެވެ.
މަރްހޫމު ޝިހާބަކީ އެކިއެކި ސަރުކާރުތަކުގައި އިސް ވަޒީފާތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި، ބަންޑާރަ ނާއިބުކަމާއި އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ހިމެނެއެވެ.
މަރްހޫމު ޝިހާބުގެ އާވަޒަނުގެ ޅެމުގެ ތެރޭގައި ‘އާ ގަރުނެއްގެ ފަތިހުގައި’ މިޅެން ހިމެނެއެވެ. މިޅެމުން ދެތިން ބައިތު ލިޔެލާނަމެވެ.
އަނހާ ތިޔަހުރީ ހުވަފެނެއް ދެެއްކި ތައުބީރު ހޯދަންތަ، ނާ ބުނެބަލާށޭ!
ގެއްލިިފައި ބަހާ އަދި ޚިޔާލު ގުޅައިދޭނޭ އަސްރާރު ވިސްނަންތަ، ނާ ބުނެބަލާށޭ!
އަނހާ ތިޔަހުރީ ގެއްލިފައި
ވެދިޔަ ދައުރު މާޒީވެ ދިޔަ ގޮތްތަކާ މެދު ފިކުރު ހިންގުމަށް،
އެ ދިޔަތަން ޒަމާނުން އަލުން އެނބުރި އަންނާނެތޯ ވިސްނުމަށް،
ނެތޭ ފުރުސަތެއް!
ދެންނެތޭ ފުރުސަތެއް!
އޮތޭ ހީކުރާ ނަމަ އެއީ ގައިމުވެސް މޮޔަ ގޮތޭ
މިކަންތަކުގެ މައްޗަށް ޚިޔާލާތު ހިންގަން ހަމަ ތިޔަހުރީ
އަނހާ ތިޔަ ހުރީ ގެއްލިފައި!
ކޮބައިހޭ ނިކަން ބުނެބަލާށޭ!
ކޮބައިކަން އެނގޭ ނަމަ އިޝާރަތަކުން ނަމަ ވިޔަސް ސިފަކުރާށޭ
އެވަސް މީރު މާތައް
އެރޫހީ އަސަރުތައް
ހިތަށް ދިން އުފާތައް މިއަދު ދެން ކޮބައިހޭ؟
ލޮލުން އޮހޮރުވާ ކަރުނަތައް ކަޝްފުކޮށްދޭ
ހަނދާނެއްގެ ފަރުދާ ނަގަން ނުކެރިފައިހޭ، ނިކަން ތިޔަހުރީ
އަނހާ ތިޔަ ހުރީ ގެއްލިފައި
…..
“إذا الشعب يوما أراد الحياة فلا بد أن يستجيب القدر”
އިހަށް ނަމަވިޔަސް އަދި މިހާރަށް ވިޔަސް ދައްކައޭ އޭގެ ތެދުކަން ހިނގާ ގޮތް ގަދަރު
މިކަންތަކުގެ ހިކްމަތްތަކާ އިބުރަތަށް ހިންގުވޭތީ ނިކަން ބާރު ހުރި ފުން ނަޒަރު
ރިކަން ވަންތަ ކުޅަދުން އެކައުވަންތަ ރައްބީގެ މަގުގައި ހުރީ
ރުކޫއާއި ސަޖިދައިގެ ގޮތުގައި ހުރީ،
އުޑާ ބިމުގެ އަސްރާރު ވިސްނަން ހުރީ،
އަނހާ ތިޔަ ހުރީ ގެއްލިފައި.
މި ޅެމުގައި އިގުތިބާސްކުރެވިފައިވާ އަރަބި ޅެމަކީ ތޫނިސްގެ އަބު އަލްގާސިމް އައްޝާއްބީގެ ވަރަށް މަޝްހޫރު ޅެމެއްގެ ޅެން ބައިތެއްގެބައެކެވެ. މާނައަކީ ގައުމެއްގެ މީހުން ދިރުން އެދިއްޖެ ނަމަ، މިންވަރުފުޅު އެކަމަށް އިިޖާބަ ދޭނޭ ކަމެވެ. އެބައިތުގެ އަނެއްބައިގައި އޮންނަނީ މިހެންނެވެ: ولا بـــد لليــــل أن ينجلـــي ولابـــــد للقيـــــد أن ينكســـــر. އަދި ރޭނގަޑު (އަނދިރިކަން)
ނިމެން ޖެހޭނޭ ވެސް މެއެވެ. އަދި، ކަސްތަޅުތައް ފުނޑުފުނޑުވެގެން ދާންވެސް ޖެހޭނޭ މެއެވެ. މަތުލަބަކީ ގައުމެއް ކުރިއަރާނީ އަމިއްލަ މަސައްކަތުންނެވެ. މިއީ ތިމަންނަމެންނަށް ކަންތައް ހުރި ގޮތޭ، ބުނެ ގަޟާ ގަދަރާ ކަންކަން މަތިކޮށްފައި ތިބެގެން ނުވާނޭ ކަމެވެ. ކީރިތި ގުރުއާނުގައި އޮންނަ ފަދައިން، ތިމާމެންގެ ހާލަތު ބަދަލުވުމުގެ ފެށުން ގުޅެނީ ތިމާމެންގެ އަމިއްލަ މަސައްކަތާއެވެ. އެކަން އެދިގެން މަސައްކަތްކޮށްފި ނަމަ، އިލާހީ މަދަދުވެސް، މުއުމިނުނަން ލިބޭނޭކަމެވެ. އާދެ، ހެޔޮ ނަސީބުވެސް އޭރުން އަތުގައި ހިފާނެއެވެ.
މިއަދު ހުށަހަޅަން ގަސްދުކުރާ، މަރްހޫމު ޝިހާބުގެ، ސުވަރުގެ، މިޅެމަކީ އަޅުގަނޑުމެންގެ މަޖީދީ ދުވަސްވަރުގެ ދަށު ކުލާސްތަކުގައި ހިތު ދަސްކުރަން ކަނޑައެޅިފައި އޮންނަ ޅެންތަކުގެ ތެރެއިން ޅެމެކެވެ. ޅެމުގައި ބަލާލެވިފައިވަނީ ސުވަރުގޭގެ ނިއުމަތްތަކުގެ މައްޗަށެވެ. ދުނިޔޭގެ ކަންބޮޑުވުންތަކުން އެއްކިބާވެ، އެއީ ހަމަޖެހުން ލިބިފައި އޮތް ހަޔާތެއް ލިބެން އޮތް ތަނެކެވެ. ދުނިޔަވީ ހިތާމަތައް ކުރުން ނެތް، ބަލިތަކާއި އެހެނިހެން ވެސް ވޭންދެނިވި ކަންކަމުން އެއްކިބާވެ، ރޫހީ އެތައް އުފަލެއް ލިބެން އޮތް ތަނެކެވެ. އެއްވެސް ގައިދެއް، ހައްޔަރެއް ނެތް، ނާކާމިޔާބީއެއް ނެތް، އެއްވެސް ބިރެއް ނެތް ތަނެކެވެ. އަމަނާއި އަމާންކަންމަތީ އުފަލާއި އަރާމުގައި ދެމި ތިބެން އޮތް ތަނެކެވެ. އެކުވެރިންނާއެކު ވަގުތުތައް ހޭދަކޮށްލަން، އަބަދުވެސް ރަބީއު އައިސްފައި އޮންނަ ތަނެކެވެ. އެތަނުގައި ދެމެނީ ޝައްފާފު، އާދެ، އެތެރެ ރީތިކޮށްފެންނަ ސާފު ކޯރުތަކެވެ. އެ ކޯރުތަކުން މީރު ފެން ބޯން ލިބެން ހުރެއެވެ. އަދި އެ ތަނުގައިވާ މޭވާ ގަސްތަކުން، އެއްވެސް އުނދަގުލަކާ ނުލައި، މީރު މޭވާތައް ވެސް ލިބެން ހުރެއެވެ. އަދި މީރު އެތައް އެތައް މާމެލާމެއްޔެއްގެ މީރު ވަސްތައް ވެސް ލިބިލިބި ހުރެއެވެ. އެތަނަކީ ދުލަކުން ސިފަ ނުކުރެވޭނޭ، ގަލަމަކުން ބަޔާން ނުކުރެވޭނޭ ފަދަ ދިރިހުރުމެއް ލިބުން އޮތް ތަނެކެވެ. އެ ތަނަށް ދިޔުމައްޓަކައި މި ދުނިޔޭގައި މުއުމިނާއަށް އޮތީ މަސައްކަތްކުރުމެވެ. އޭނާގެ ވާޖިބުތައް އަދާކޮށް ހެޔޮއަމަލު ކުރުމެވެ. މިހެން ވިދާޅުވެ، ޅެންވެރިޔާ ޅެން ނިންމާލައްވައެވެ. އަޅުގަނޑުގެ ދުއާއަކީ މަރްހޫމަށާއި އަދި އަޅުގަނޑުމެން އެންމެނަށްވެސް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުމެވެ. އަދި، ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ތެރެއިން އަލަށް އުފެދޭ ގުލްފާމުތައް، ރީތި ނަލަ މާތައް، ދިވެހި ޅެންވެރިކަމުގެ ބަގީޗާއިގައި އިހު އުފެދި ދިޔަ އެތައް އެތައް ގުލްފާމުތަކެއް ދޫކޮށްފަ ދިޔަ ޅެންތައް ބަލައި ކިޔައި ފަހުމްކޮށް އެއިން ޣިޛާ ލިބިގަތުމެވެ. އަދި، ދިވެހި ޅެންވެރިކަމަށް މާ ބަގީޗާ އިތުރަށް ދިރުވައި ކުރިއެރުވުމެވެ. އިތުރުކުރިއެރުވުމެވެ. އާމީން!
ސުވަރުގެ – މަރްހޫމް ޝިހާބް
ހަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތް ތަނެކޭ
ގަޔާވެވިގެން ތިބޭ މަތިވެރި ހަޔާތެއްވާ އެއީ ތަނެކޭ
އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތްތައް ނުހަނު އަގުހުރި
ދިމާއަށް ހާމަވެވިފައި ހުރި ނިޔާމާ އަރާމު ހުރި ތަނެކޭ
ހިތާމަކުރާ މިނިޔެތަކާ ވަކިވެ މަތިވެރިވި އާލަމުގައި
ހިތާ ރޫހީ އުފާ ނޫނީ ލިބުން އަމުދުން ނުވާ ތަނެކޭ
ހިތަށް ވޭނެއް އިތުރު އުނދަގޫ އަޒާބެއް ދަތިކަމެއް އެއްވެސް
އެތައް ހިޔަ އަހަރު ވޭތު ވިޔަސް ލިބުން ދުވަހަކު ނުވާ ތަނެކޭ
ނުވާ ދައްޗެއް ނުވާ ގައިދެއް ނުވާ ގިނަގުނަވި އަމުރުތަކެއް
ނުވާ ބިރުވެރި ކަމެއް ނާކާމިޔާބީއެއް އެއީ ތަނެކޭ
ލިބޭ އަމްނާއި ރާހަތުގައި ލިބޭ ލޯބީގެ އުލްފަތުގައި
ވިބޭނުންތެރިވި ނިއުމަތުގައި އަބަދު ދެމިވެސް ތިބޭ ތަނެކޭ
ލޮލުން ކަރުނައިގެ އަސަރު ފިލާ އޮޅުންތައް ވެސް މުޅިން ނައްތާ
އަލުން އައު ހާ އުފާވެރިކަން އިތުރު އަބަދަށްމެ ވާ ތަނެކޭ
ހެމުން ހިނިތުންވަމުން ތަރުހީބު ކިޔަމުން ޝުކުރު ގިނަ ކުރަމުން
ދެމުން އެކުވެރިކަމުގެ ވެދުމާ ސަލާމާ ވަންނަނިވި ތަނެކޭ
ރަބީއު އަބަދު އައިސްފައިވާ ޚަރީފުގެ ހިޔަނިވެސް ނާޅާ
ރަފީގުންނާއި އެކުގައި ދާއިމީ އުމުރެއް ލިބޭ ތަނެކޭ
ނުހަނު ޝައްފާފު އާރުތަކުން ހިނގާ އާބޭ ހަޔާތު ބޮމުން
ނުހަނު ފިނި ފޮނިވި މޭވާތައް ހިތަށް އެރުމުން ލިބޭ ތަނެކޭ
މިހާރު މިފެންނަ ހުރިހާ މާމަލާ އަދި ނުފެނި ހުރި މާތައް
ޖިހާދުގެ އަހުލުވެރި އަބްތާލުނަށް ވެދުމަށް ލިބޭ ތަނެކޭ
އެތާނގެ ގަހެއް އެތާނގެ ވެލެއް އެތާނގެ މަލެއް އެމަލުގެ ވަހެއް
އެތާކު ދެ ވަގުތަކަށް ދެ ގޮތެއް ނުމެވެ ފަރިވެ ފޮޅޭ ތަނެކޭ
ތަރިރުހަނދު އެކުއެކީގައި އުދަވެފައި ހުރުމަށް ވުރެން އެދެވޭ
ފަރިވި ނޫރެއްގެ ނޫރުން ހިތްމި ނޫރާނީވެވޭ ތަނެކޭ
ގަލަން އެދުނަސް ނުލިޔެވޭހާ ޝުއޫރަށް ވެސް ނުގެނެވޭހާ
ބަލަން ލިބުނަސް ނުބުނެވޭހާ އަރާމާ އައިޝް ހުރި ތަނެކޭ
މި ދުނިޔޭގައި އަދާ ވެވިގެންމެ ނޫނީ ވާޖިބާތު މޮޅަށް
އެ ދުނިޔެއަކީ ހުވަފެނުން ވެސް ދެވުން އެކަށޭނަ ނުވި ތަނެކޭ
ދިޔުން އެދިގެން ކުރާށޭ ހެޔޮ އަމަލު ‘ގުލްފާމް’!
ކިޔުން ނަމަކަށް ސުވަރުގެ މަމެން ވެފައި އާދަ އޭ ތަނެކޭޒ