އިންތިހާބަކާ ނުލައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ގެ ރިޔާސީ ޓިކެޓު ރައީސް މުހައްމަދު މުއިއްޒަށް ދޭން އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ އާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބުވާ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
މި ގަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރީ ބައިވެރިވެވަޑައިގެންނެވި 1،019 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވަނީ ގަރާރަށް ތާއީދުކުރައްވާ މުއިއްޒަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މުއިއްޒު ވާދަކުރައްވާނެކަން ކަށަވަރުވެގެންދިޔައިރު، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.



