މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށްފިއެވެ. ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރ ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


