ހއ.ބާރަށުން މި މުބާރާތުގެ ތަށި އުފުލާލީ ހޮނިހިރު ދުވަހު ރޭ ކުޅުނު ފައިނަލްގައި ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ބާރަށް ސެޓްތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ކެލާގެ ޖޯޒީ ނަންބަރު 8 އަލީ ނިހާދު ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބާރަށަށް ތަށި ނަގައިދިން ކޯޗު މޫސާ ނިޔާޒެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫގެ ޖޯޒީ ނަންބަރު 2، ޝުހައިބު އަބުދުއްލަތީފެވެ.
މުބާރާތުގެއެންމެ މޮޅު 6 ކުޅުންތެރިން
* ހަސަން ޒިޔާޒު، ޖޯޒީ ނަންބަރު 3، ޓީމް ހަނިމާދޫ
* ސޯދިގު މޫސާ، ޖޯޒި ނަންބަރު 16، ޓީމް ހަނިމާދޫ
* ޝުއައިބު އަބުދުއްލަތީފް، ޖޯޒީ ނަންބަރު 2، ޓީމް ހަނިމާދޫ
* ޢަލީ އާމިރު، ޖޯޒީ ނަންބަރު 6، ޓީމް ބާރަށް
* ޝަމްރާހް މުހައްމަދު، ޖޯޒީ ނަންބަރު 9، ޓީމް ވަށަފަރު
* ހުސެން އަންވަރު ޖޯޒީ ނަންބަރު 18، ޓީމް ބާރަށް
މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ މަންތާއެއާގެ ސީއީއޯ މުހައްމަދު ޚަލީލެވެ. ޗެމްޕިއަން ޓީމަށް ތައްޓާއި، އިނާމާއި އަދި މެޑެލް ދެއްވީ ޚަލީލެވެ. ރަނަރަޕް ޓީމަށް މެޑެއްޔާއި އިނާމް ދެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދެވެ.
މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވިއެވެ. އެ ރަށްތަކަކީ ހދ. އަތޮޅުން ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީ އެވެ. ހއ. އަތޮޅުން ވަށަފަރު، ދިއްދޫ، މުރައިދޫ، ކެލާ، ފިއްލަދޫ އަދި ބާރަށެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ވަނީ ދީފައެވެ.


