ޓްރަމްޕް ހުރީ ނިއުޔޯކްގައި އީރާނުގެ ރައީސާ ބައްދަލުކުރަން ތައްޔާރަށް، އީރާނުން ޖަވާބެއް ނުދޭ

ޚަބަރު ފަހުގެ ދުނިޔެ

ނިއުޔޯކްގައި މި ހަފްތާގައި ފަށާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ބައިވެރިވެވަޑައި ގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިހާރުވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.

އާންމު މަޖިލީހުގައި ބައިވެރިވާ އީރާނުގެ ވަފުދުގައި ޚާރިޖީ ވަޒީރު ހިމެނިވަޑައިގަންނަވާއިރު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާންވެސް ނިއުޔޯކަށް ވަޑައިގަންނަވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނުގެ ވެރިން އެމެރިކާއަށް މިވަޑައިގަންނަވަނީ، އީރާނާއި އެމެރިކާ ހަނގުރާމައިގެ ހާލަތުގައި އޮއްވައެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައަށްފަހު ދޭތެރެ ދޭތެއިން ދެ ފަރާތުން ގެންދިޔައީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވައިގެން އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، އީރާނުގެ ޓޭންކަރުތަކަށް ހަމަލާތައް ދެމުން ގެންދާއިރު، އީރާނުންވެސް ގެންދަނީ އެމެރިކާގެ ޓެންކަރުތަކަށް ހަމަލާދީ އަދި އެމެރިކާގެ ޑްރޯންތައްވެސް ވައްޓަމުންނެވެ.

ނުވިތާކަށް އިގްތިސާދީގޮތުންނާއި މާލީގޮތުން އީރާނަށް ދަތިކޮށް އީރާނު އިނދަޖައްސާލުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ. އެ މަސައްކަތުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހޭ އީރާނު އެއަރލައިންތަކުގެ ބޯޓުތައް ހުއްޓުވަން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް މާދަމާ އަމަލުކުރަން ފަށާނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އީރާނުގެ އެއްވެސް އެއަރލައިނެއްގެ ބޯޓަކަށް ތެޔޮ އަޅައިދިނުމާއި، ގްރައުންޑް ސަވިސް ދިނުމާއި، އީރާނު އެއަރލައިނެއްގެ ޓިކެޓް ވިއްކާ ފަރާތްތަކާ ދެކޮޅަށްވެސް ދަތިކުރަން އެމެރިކާއިން ބިރު ދައްކާފައި ވެއެވެ. އަދި ތާޑް ޕާޓީ ޚިދުމަތެއްދޭ ފަރާތްތައްވެސް ހޯދައި ފިޔަވަޅު އަޅާނޭ ކަމަށް ގެންދަނީ އިންޒާރު ދެމުންނެވެ.

އެމެރިކާއާއި އީރާނުން މިދިޔަ ހަފްތާގައިވަނީ ވަރަށް ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ. ބަހުގެ ހަމަލާތަކުގެ ތެރޭގައި މުޅި އީރާނު ހަލާކުކޮށް ސުންނާފަތި ކޮށްލާނޭ ކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައި ވެއެވެ.

އެތަކެއް އިންޒާރުތަކެއް ދިނުމަށްފަހުވެސް އެމެރިކާގެ ރައީސް ބުނެފައިވަނީ، ނިއުޔޯކްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ބައްދަލު ކުރުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު، އީރާނުގެ ރައީސް، އެމެރިކާގެ ރައީސާ ބައްދަލު ކުރައްވާނޭކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބައްދަލުވުމެއް ހަމަޖެހިފައިވާކަމެއް ނުވަތަ ނޫންކަމެއް އެއްވެސް ފަރާތަކުން ނުބުނެއެވެ.

އދގެ އާންމު މަޖިލީހުގެ މިފަހަރުގެ ޖަލްސާގެ ޝިއާރަކީ “އިތުބާރު އަލުން ހޯދުން” އެވެ. މިކަމަށް އިޝާރާތް ކުރައްވައި ނިއުޔޯކަށް ފުރާވަޑައިގަތުމުގެކުރިން އީރާނުގެ ރައީސް ވިދާޅުވެފައިވަނީ، މި ޝިއާރުގެ ދަށުން ބާއްވާ އދގެ ޖަލްސާއަކީ ދުނިޔޭގެ އިތުބާރު އަނބުރާ ހޯދި، ހަނގުރާމައާއި ލޭއޮހޮރުވުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެވޭނެ ބައްދަލުވުމަކަށް ވާނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެކަމަކު، އެމެރިކާގެ ރައީސާ ބައްދަލު ކުރައްވާނެ ކަމެއް އީރާނުގެ ރައީސް ވިދާޅެއް ނުވެއެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އެމެރިކާއާ ސީދާ އެއްވެސް މަޝްވަރާއެއް ކުރުމަށް ބޭނުން ނުވާ ކަމަށެވެ.

އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބު އަދި އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެފައިވަނީ، މަޝްވަރާގެ މޭޒުދޮށަށް އީރާނު އަންނާނެ ޝަރުތުތައް، މެދުއިރުއެއްގެ ދައުރު އަދާކުރާ ގައުމުތައް މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅާފައި ވާނޭ ކަމަށާއި، އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވާންދެން ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ނިއުޔޯކަށް ޖަމާވަމުންދާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް އަވަދިނެތި އުޅެނީ އެކި ގައުމުތަކުގެ ވެރިންނާ ބައްދަލުކުރުމުގައެވެ. އީރާނު މައްސަލައާއި، ޔޫކްރެއިން ހަނގުރާމައާއި، އަދި އެނޫންވެސް ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޓްރަމްޕް ގެންދަނީ ވެރިންނާ މަޝްވަރާ ކުރަމުންނެވެ. މި ބައްދަލުވުންތަކަށްފަހު އެމެރިކާ ބޭނުންވާގޮތަށް ކަންކަން ނިންމައި ވަރަށް، އާންމު މަޖިލީހުގެ ޖަލްސާގެ ދުވަސްވަރު އިއުލާން ކުރާނޭ ކަމަށް ބެލެވިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ