ޓްރަމްޕްގެ ތަގުރީރު އދގެ ޗާޓަރާ ޚިލާފް، ކުރިކަމަކީ ގައުމުތަކަށް ބިރުދެއްކުމާއި ބައިސާކެނޑުން

ޚަބަރު ފަހުގެ ދުނިޔެ

އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެންޝަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރު ކޮށްފައިވަނީ ރޭގައެވެ. ބްރެޒިލްގެ ރައީސަށްފަހު އާންމު މަޖިލީހުގައި ދެވަނައަށް ތަގްރީރު ކޮށްފައިވަނީ ޓްރަމްޕެވެ.

ޓްރަމްޕްގެ ތަގުރީރުގައި މައިގަނޑުގޮތެއްގައި ކުރި ކަމަކީ، ގައުމުތަކަށް އިންޒާރު ދިނުމާއި، ބައިނަލްއަގްވާމީ ކޯޓުތަކަށް ބިރުދެއްކުމާއި، ބޮޑާ ކިބުރުވެރި ވާހަކަތައް ދެއްކުމެވެ. އެމެރިކާއާއި އޭނާގެ ސަރުކާރުގެ ސިޔާސަތުތަކުގެ މޮޅު ވާހަކަ ދައްކައި ބައިސާކެނޑުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމަކު، ދުނިޔޭގެ އެތައް ގައުމެއްގެ އެންމެ އިސް ވެރިންގެ ކުރިމަތީގައި އަދި އދގެ މައި މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ހުރެ އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ތަކުރާރުކޮށް އދގެ ޗާޓަރާ ޚިލާފް އެތައް ވާހަކަތަކެއް ދައްކާފައެވެ. އދގެ މަގްސަދާ ޚިލާފް އެތައް ވާހަކައެއް ދައްކާފައެވެ.

އީރާނަށާއި، ކިއުބާއަށް ބިރުދައްކައި އިންޒާރުތައް ދިނުމަށްފަހު ވެނެޒުއެލާއަށް ހެދި ގޮތާއި އަދި ކެރިބިއަން ކަނޑުގެ އުޅަނދުފަހަރަށް އެމެރިކާއިން ދިން ހަމަލާތަކާ މެދު ބޮޑާ ވާހަކަތައް ދައްކާފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ތަގްރީރުގައި އީރާނު ނެތިކޮށްލާނެކަމުގެ އިންޒާރު ދީފައި ވެއެވެ. އީރާނު މީހުންނަށް ދިރިތިބުމުގެ ފުރުސަތު އަލުން ނުލިބޭފަދަ ގޮތަކަށް އީރާނު ހަލާކުކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. ކުރިއަށްއޮތް ޖީލުތަކުގައިވެސް އުންމީދެއް ނުލިބޭފަދަ ގޮތް އީރާނަށް ހަދާނޭކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ގައުމުތަކަށް ބިރުދެއްކުމާއި، އިންޒާރުތައް ދިނުމާއި، މިނިވަންކަމާއި އިސްތިގްލާލަށް ނުރައްކާ ކުރުމަކީ އދގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފް ކަމެކެވެ. ޚިލާފް އުފެދޭ ކަންކަން ސުލްހަވެރިމަގުން ހައްލުކުރުމުގެ އާޓިކަލްއާވެސް ޓްރަމްޕްގެ ވާހަކަތައް ޚިލާފެވެ. ދުނިޔޭގެ ސުލްހަ ދެމެހެއްޓުމުގެ އާޓިކަލްއާވެސް ޚިލާފެވެ.

ކިއުބާއަށް ބަދަލު ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށާއި، ކިއުބާގެ ވެރިކަން ވައްޓާލާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ. މިއީވެސް އދގެ އާޓިކަލްތަކާ ޚިލާފް ވާހަކަތަކެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ގޭންގްތަކާއި ޖަމާއަތްތަކަށް އެމެރިކާ ސިފައިން ފޮނުވައިގެން އެތަކެއް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ބޮޑާކަމާއެކު ދެއްކި ހުރިހާ ވާހަކަތަކަކީވެސް އދގެ ޗާޓރާ ޚިލާފް ވާހަކަ ތަކެކެވެ. މިނިވަން މުސްތަގިއްލު ގައުމުތަކަށް ސިފައިން ފޮނުވައި އެފަދަ ހަމަލާތައް ދިނުމަކީ އދގެ އޮނިގަނޑު ހުއްދަކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ކަންކަން ކުރަންޖެހޭނީ ސުލްހަވެރި މަގުންނެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާގެ ވެރިރަށަށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކުގެ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އޭގެ ނަތީޖާއެއްގެގޮތުން އެމެރިކާގެ ތާރީޚްގައިވެސް ހެދުނު އެންމެބޮޑު ތެލުގެ އެއްބަސްވުން ހެދިފައިވާ ކަމަށެވެ. އެމެރިކާ ސިފައިން ވެނެޒުއެލާއަށް ހަމަލާ ދިނުމަށްފަހު އެގައުމުގެ ރައީސް ނިކޮލާސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގައިގެން ގެންދިޔައީ އެމެރިކާއަށެވެ.

މިކަމުގެ ވާހަކަތައް ފަޚުރުވެރިވެލާފައި ޓްރަމްޕް ދެއްކިއިރު، މިއީވެސް އދގެ ޗާޓަރާއި، އާޓިކަލްތަކާ މުޅިން ޚިލާފް ވާހަކަތަކެކެވެ. ގައުމުތަކުގެ ހައްގުތަކަށް އަރައިގަތުމުގެ ވާހަކަތަކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ