އީރާނު އެއަރލައިންތަކުގެ މަތިންދާ ބޯޓުތައް އިރާގުގެ އެއަރޕޯޓްތަކުގައި ޖެއްސުން ހުއްޓުވި މައްސަލައާ ދެކޮޅަށް އިރާގުގެ ދެކޮޅުވެރި ޖަމާއަތަކުން ތެދުވެއްޖެއެވެ.
ހަރަކަތު ހިޒްބުﷲ އައް ނުޖަބާއިން ވަނީ، އިރާނުގެ އެއާލައިންތަކުގެ އޮޕަރޭޝަންތައް ހުއްޓުވަން އިރާގު ސަރުކާރުން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ. އަދި ބުނެފައިވަނީ، ދެގައުމުގެ މެދުގައި އާންމު ވައިގެ ދަތުރުފަތުރު އަލުން ނުފަށައިފި ނަމަ އިރާގުގެ ހުރިހާ އެއަރޕޯޓްތަކެއްގައި އިށީންދެގެން ތިބެ ކުރާ އިހުތިޖާޖެއް ފަށާނޭ ކަމަށެވެ.
އިރާގުގައި ހަރަކާތްތެރިވާ ދެކޮޅުވެރި ގްރޫޕްތަކީ ހަތިޔާރު އެޅި ގްރޫޕްތަކެވެ. މިއީ އިރާގުގައި ވަރަށް ބާރުގަދަ ގްރޫޕްތަކެއްވެސް މެއެވެ. އިރާގު ސަރުކާރާ އެކު ހެދި ސުލްހައިގެ އެއްބަސްވުންތަކުގެ ދަށުން މިފަދަ އެތައް ގްރޫޕް މިހާރުވަނީ އިރާގު ސަލާމަތީ ބާރުތަކުގެ ތެރެއަށް ވައްދާފައެވެ.
އީރާނާއި އިރާގަކީ އަވަށްޓެރި ދެ ގައުމެވެ. އެއްގަމުމަގުން ގުޅިފައިވާ ދެގައުމެވެ.
އީރާނުގެ މަތިންދާ ބޯޓުތައް އިރާގުގެ އެއަރޕޯޓްތަކަށް ޖެއްސުން އިރާގު ސަރުކާރުން ހުއްޓުވީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުންނެވެ.
އެމެރިކާގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި އީރާނުގެ ފްލައިޓްތަކަށް ތެޔޮ އަޅައިދިނުމާއި، ގްރައުންޑް ޚިދުމަތް ދިނުމާއި އަދި ޓިކެޓް ވިއްކުންވެސް ބައެއް ގައުމުތަކުން ގެންދަނީ ހުއްޓާލަމުންނެވެ.
އިރާގުގެ ހުރިހާ އެއަރޕޯޓެއްގައި އީރާނުގެ ފްލައިޓްތައް ޖެއްސުން މިހާތަނަށް މަނާކޮށްފައި ވާއިރު، ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުންވެސް މިފިޔަވަޅު އަޅަމުން އެބަ ގެންދެއެވެ.
ހަރަކަތު ހިޒްބުﷲ އައް ނުޖަބާގެ އިތުރުން، އެހެން ޖަމާއަތްތައްވެސް ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.
އަދި އިރާގު ޕާލަމެންޓުގެ ފަސްޓް ޑެޕިއުޓީ ސްޕީކަރ މުހްސިން އަލް މަންދަލަވީވެސް ވަނީ، އިރާގް އެއަރޕޯޓްތަކުގައި އީރާނުގެ ފްލައިޓްތައް ޖެއްސުން ހުއްޓުވި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އީރާނު އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި އިރާގު ބައިވެރިވެގެން ނުވާނޭ ކަމަށާއި، އިރާގު ސަރުކާރުގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއް ކަމަށެވެ.
އިރާގު ސަރުކާރުގެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، އީރާނުން އިރާގަށް ގުދުރަތީ ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ އިރާގުގެ އިގްތިސާދަށާއި އަދި ހަކަތައިގެ ސިނާއަތަށް ކުރާނެ އަސަރުތަކުގެ އިންޒާރު މުހްސިން އަލް މަންދަލަވީ ދެއްވާފައި ވެއެވެ.
އިރާގު ސަރުކާރުގެ ނިންމުން ބަދަލުނުކޮށްފިނަމަ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބާއްވަން ޖެހިދާނޭ ކަމަށްވެސް އޭނާ އިންޒާރު ކުރައްވާފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އިރާގަށް ދޫތަކެއް ހޯދުމާ ގުޅޭގޮތުން އިރާގު ސަރުކާރުން މިހާރު ގެންދަނީ އެމެރިކާއާ ވާހަކަ ދައްކަމުންނެވެ.
ސަބަބެއް ކަމަށް ބުނަނީ، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ބަލިމީހުންނާއި ދަރިވަރުންނާއި އަދި އަޅުކަމަށްދާ މީހުންގެ ދަތުރުފަތުރަށް ބުރޫއަރާފައި ވާތީއެވެ.



