ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް އީރާނުންދޭ ހަމަލާތައް އިތުރުކޮށްފިއެވެ.
ވޭތުވެދިޔަ ތިންދުވަސްތެރޭގައި އެކަނިވެސް ހޮރްމޫޒު ސަރަހައްދުން ހަތަރު ތެޔޮ ޓޭންކަރަކަށް އީރާނުންވަނީ ހަމަލާ ދީފައެވެ.
މި ޓޭންކަރުތަކަށް ހަމަލާދިނީ، އީރާނު ކަނޑުގެ ސިފައިންގެ އެންގުންތަކަށް ނުކިޔަމަންތެރިވުމުން ކަމަށް އީރާނުން ބުނެއެވެ.
އީރާނުން މިހާރުވަނީ ހޮރްމޫޒު ހުރަސްކުރާ ތެޔޮ ޓޭންކަރުތަކާއި ކޮމާޝަލް އުޅަނދުތަކަށްދޭ ހަމަލާތައްވެސް އިތުރުކޮށްފައެވެ. މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 9 ޓޭންކަރަށް ހަމަލާ ދީފައި ވެއެވެ.
އީރާނުން ހަމަލާ ދެމުންގެންދަނީ އީރާނުން ކަނޑައަޅާފައިވާ މަގުނޫން މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރަށެވެ. މިއީ، އުމާނާވީ ފަޅިން އެމެރިކާއިން ކަނޑައަޅައިގެން އުޅޭ ސަދަން ރޫޓުން އެމެރިކާ ސިފައިން ހިމާޔަތް ދީގެން ދަތުރުކުރާ އުޅަނދުފަހަރެވެ.
އެމެރިކާ ސިފައިން ހިމާޔަތް ދީގެން ހޮރްމޫޒު ހުރަސްކުރަން ދިޔަ ތެޔޮ ޓޭންކަރަކަށް އީރާނުން މިއަދުވެސް ހަމަލާ ދީފައި ވެއެވެ. މި ހަމަލާގެ ސަބަބުން ޓޭންކަރުގެ އިންޖީނު ރޫމް ހަލާކުވެފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނެފައި ވެއެވެ.
ނަމަވެސް، ޓެންކަރުގައި ތިބި ކޫރުންގެ އެއްވެސް މެމްބަރަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުނެފައި ވެއެވެ.
އަދި ޓޭންކަރުން ކަނޑަށް ތެޔޮ ބޭރުވުމުގެ ކަމެއްވެސް ނުހިނގާ ކަމަށް ބުނެފައި ވެއެވެ.
އީރާނުގެ އެންގުންތަކާ ޚިލާފަށް ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި، ކޮމާޝަލް އުޅަނދުތަކަށް އީރާނުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާއިން ރައްދުގައި އެއްވެސް ހަމަލާއެއް ނުދެއެވެ.
ޓޭންކަރުތަކަށް އީރާނުންދޭ ހަމަލާތަކުގެ ރައްދުދިނުން އެމެރިކާއިން ހުއްޓާލީ، އެމެރިކާގެ އަސްކަރީ މަނަވަރަކަށް އީރާނުން ހަމަލާތަކެއް ދިނުމުން، އެމެރިކާ ސިފައިން އީރާނުގެ އައްސޭރިފަށަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ރައްދުގައި އުރުދުންގައި އޮންނަ އެމެރިކާ ސިފައިންގެ ބޭހަށް އީރާނުން ކުއްލި އަދި ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދިންފަހުންނެވެ. އީރާނުގެ ހަމަލާތަކުގައި އުރުދުން އެއަރ ބޭހުން އެމެރިކާގެ 838 ސިފައިން ޒަޚަމްވެ، ބޮޑެތި އެތައް ގެއްލުންތަކެއް ލިބުނެވެ.
އެމެރިކާއިން ބުނަމުންދަނީ ހޮރްމޫޒު ކޮންޓްރޯލް ކުރަނީ އެމެރިކާ ސިފައިން ކަމަށެވެ. އެމެރިކާގެ ރައީސާއި، ނައިބް ރައީސާއި، އެމެރިކާގެ ހަނގުރާމައިގެ ވަޒީރާއި، ޚާރިޖީ ވަޒީރު ބުނަނީ ހޮރްމޫޒުން ކެނޑިނޭޅި ތެޔޮ ބޭރު ކުރަމުންދާ ކަމަށެވެ. އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު، ހޮރްމޫޒު ހުރަސްކުރާ ތެޔޮ ޓޭންކަރުތަކުގެ އަދަދުތައް ބުނަނީ އެހެން ވާހަކައެކެވެ.



