ޒޯން 1ގެ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ބޭއްވީ ހަނިމާދޫގައެވެ. އަދި ޒޯން 4ގެ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ލ.ގަން އިހައްދޫ ސުކޫލުގައެވެ.
މި އިވެންޓްގައި ޒޯން އެކަކުން ޖުމްލަ 300 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި 100 އަށްވުރެ ގިނަ ވޮލަންޓިއަރުން ހއ، ހދ، ށ އަތޮޅުން ބައިވެރިވިއިރު ޒޯން ހަތަރަކުން ޖުމުލަ 220 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި 70 އަށްވުރެ ގިނަ ވޮލަންޓިއަރުން މ، ފ، ދ، ތ، ލ އަތޮޅުން ބައިވެރިވިއެވެ.
ހދ. ހަނިމާދޫގެ ކެތިއަރާ ޖަމިއްޔާގެ ސްކައުޓު ގުރޫޕް ކަމަށްވާ “ކެތިއަރާ ސްކައުޓް ގުރޫޕް”އާއި ގުޅިގެން ހަނިމާދޫގައި މި ހަރަކާތް ކުރިއަށް ގެންދެވުނުއިރު ލ.ގަމުގައި މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްވެ ހަރަކާތްތެރިވީ އިހައްދޫ ސްކޫލް ސްކައުޓު ގުރޫޕުންނެވެ.
މި ދެ ހަރަކާތް ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއިއެކު އެވެ. މިގޮތުން، ހދ. ހަނިމާދޫގައި މި ހަރަކާތުގެ މެއިން ޕާޓްނަރގެ ގޮތުގައި އައި. އެންޑް ސީ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް ބައިވެރިވިއިރު، ހަނިމާދޫ ކައުންސިލުގެ އިތުރުން، ގިނަ ސަރުކާރު މުއައްސަސާތަކާއި ހަނިމާދޫގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން މި ހަރަކާތުގައި ބައިވެރިވިއެވެ. އަދި ލ. ގަމުގައި ހަރަކާތުގައި ހައްދުންމަތީ ގަމު ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު، ގަމު ކައުންސިލުގެ އިތުރުން، ލ. ގަމުގައި ހަރަކާތްތެރިވާ ގިނަ ސަރުކާރު މުއައްސަސާތަކާއި ލ. އަތޮޅުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފއިވެއެވެ.
މިހާތަނަށް އެއް ޕްރީކަބް މީޓް އަދި ކަބް ރެލީ ވަނީ ކުރިއަށް ގެންދެވިފައެވެ. އެއީ ގއ އަދި ގދ އަށް ޙާއްސަ (ޒޯން 5ގެ) ޕްރީކަބް މީޓް އަދި ކަބް ރެލީއެވެ. އެ ހަރަކާތް ބޭއްވީ 26 ސެޕްޓެންބަރ ވީ ހޮނިހިރު ދުވަހު ތިނަދޫ ސިޓީގައެވެ. ކުރިއަށްހުރި ޕްރީކަބް އަދި ކަބް ރެލީ ހަރަކާތްތަކުގެ ތެރޭގައި:
* ނ އަދި ރ އަތޮޅަށް ޙާއްސަ (ޒޯން 2ގެ) ޕްރީ-ކަބް މީޓް އަދި ކަބް ރެލީ – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރ 2026 ގައި ނ. ކުޑަފަރީ ގައި ނ. ކުޑަފަރީ ސްކޫލު ސްކައުޓް ގްރޫޕާއި ގުޅިގެންނެވެ.
* ބ އަދި ޅ އަތޮޅަށް ޙާއްސަ (ޒޯން 3ގެ) ޕްރީ-ކަބް މީޓް އަދި ކަބް ރެލީ – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ 2026 ގައި ބ. ދަރަވަންދޫ ގައި ބ. ދަރަވަންދޫ ސްކޫލް ސްކައުޓް ގްރޫޕާއި ގުޅިގެންނެވެ.
* އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ޚާއްޞަ (ޒޯން 6ގެ) ޕްރީ-ކަބް މީޓް އަދި ކަބް ރެލީ – މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޙު މިހާރު ވަނީ 7 ނޮވެމްބަރު 2026 އަށް ބަދަލު ވެފައެވެ. މި ހަރަކާތް ކުރިއަށް ދާނީ އައްޑޫ ސިޓީގައި ޝަރަފުއްދީން ސްކޫލުގެ ސްކައުޓް ގްރޫޕާ ގުޅިގެންނެވެ.
މީގެއިތުރުން، ޒޯން 7 (މާލެ ސިޓީ) ގައިވެސް މި ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި ބާއްވާ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ބާއްވާނެ ތާރީޚުތައް ފަހުން އިޢުލާނުކުރެވޭނެއެވެ.
ޕްރީ-ކަބް އަދި ކަބް ސްކައުޓް ސެކްޝަނަށް ޚާއްސަކޮށްގެން ބާއްވާ މި ދެ ހަރަކާތަކީ އުމުރުން 5 އަހަރާއި 12 އަހާރައި ދެމެދުގެ ކުދިން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރަން ލިބޭ ފުރުސަތެކެވެ. މި އިވެންޓްގައި ހިންގާ ޝައުގުވެރި ހަރަކާތްތަކާއެކު ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވުމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންވާނޭ ގިނަ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭނެއެވެ. މިގޮތުން، ސަޤާފީ އެކި މަސައްކަތްތަކާއި ކުޅިވަރުތަކާއި، އޮބްސްޓެކަލް ކޯސްތަކުގެ އިތުރުން، އާރޓް އެންޑް ކްރާފްޓްގެ އެކި މަސައްކަތްތަކާއި މުޖުތަމަޢުގައި ހަރަކާތްތެރިވާ އެކި މުޢައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތަށް ކުރާ މަސައްކަތް ބަލާލާ ތަޖުރިބާ ކުރުމުގެ ފުރުސަތު ކުދިންނަށް މި ހަރަކާތްތަކުން ލިބިގެންދާނެއެވެ.


