ދުޝްމަނުންނަށް އިސްވެ ހަމަލާދޭން އީރާނުގެ ލަޝްކަރުތައް ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ ދުނިޔެ

ދުޝްމަނުންނަށް އިސްވެ ހަމަލާދޭން އީރާނުގެ ލަޝްކަރުތައް ތައްޔާރުވެފައިވާ ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ.

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީ ނިއާ ވިދާޅުވީ، ދުޝްމަނުންގެ ފަރާތުން އީރާނާ ދެކޮޅު އެއްވެސް އުދުވާނީ އަމަލެއް ހިންގަން ނުވަތަ އެއްގަމުމަގުން އީރާނުގެ ތެރެއަށް ވަދެގަންނަން އުޅޭ ކަމަށް ފެނިއްޖެ ހާލަތުގައި އީރާނުން އިސްވެ ހަމަލާދޭން ތައްޔާރުވެފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު މިފަދައިން މި ވިދާޅުވީ، އެމެރިކާ ސިފައިން އީރާނަށް އައު ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވިފައިވާ ވަގުތެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިންގެ ތިންވަނަ ސްޓްރައިކް ގްރޫޕް އީރާނާ ގާތަށް ދިއުމަށް އެމެރިކާއިން ފުރާފައި ވާއިރު، އެ ގްރޫޕްގައި އެއްގަމުމަގުން ތަންތަނަށް އަރައި ހިފުމުގެ ޚާއްސަ ތަމްރީނު ދީފައިވާ ފައުޖަކާއި، އަދި ވައިގެމަގުން ފައިބައި ތަންތަން ހިފުމުގެ ޚާއްސަ ތަމްރީނު ދީފައިވާ ފައުޖަކާއި އަދި ކަނޑުމަގުން ރަށްތަކަށް އެރުމުގެ ޚާއްސަ ތަމްރީނު ދީފައިވާ ފައުޖެއްވެސް ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ނޮވެމްބަރުމަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާނޭ ކަމަށެވެ.

އެމެރިކާގެ ޚާއްސަ ފައުޖުތަކާއި، ބަރު ހަތިޔާރު އީރާނާ ގާތަށް ޖަމާކުރަމުން ގެންދާއިރު، އިރާގު-އީރާނު ގުޅޭ އިމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ އަދި އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ހަމަލާ ދިނުމުގެ ހުއްދަ އެމެރިކާ ސަރުކާރުން އިސްރާއީލަށް ދީފައިވާ ކަމުގެ ރިޕޯޓްތައްވެސް ފެތުރިފައި ވެއެވެ.

މިއީ، އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް މަގުފަހި ކުރުމަށް އިސްރާއީލު ލައްވައި ކުރުވަން އެމެރިކާއިން އުޅޭ ކަމެއް ކަމަށްވެސް ބެލެވިފައި ވެއެވެ.

ވައިގެމަގުން ނުވަތަ ކަނޑުމަގުން އީރާނަށް އަރައިގަތުމަކީ އެމެރިކާ ސިފައިންނަށް ނާދިރު ކަމެއް ކަމަށް ބެލެވިފައި ވާއިރު، އީރާނުގެ ތެރެއަށް ވަދެގަތުމަށް އޮތް އެންމެ ފަސޭހަމަގަކީ އެއްގަމުމަގު ކަމަށް އެމެރިކާއައި އިސްރާއީލުވެސް ދެކެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށުމުގެކުރިން އަދި ޚާއްސަކޮށް ހަނގުރާމަ ފެށިފަހުން އީރާނުން އަންނަނީ އިރާގު-އީރާނު ބޯޑަރު ވަރަށް ވަރުގަދައަށް ބަލަހައްޓަމުންނެވެ. އިތުރު ސިފައިންނާއި ހަތިޔާރުވެސް ބޯޑަރު ސަރަހައްދަށް ޖަމާކޮށް ސަލާމަތީ ފިޔަވަޅުވެސް ވަރަށް ވަރުގަދަ ކޮށްފައި ވެއެވެ.

އީރާނުގެ ތެރޭގައި ހަމަނުޖެހުން ހިންގަން އެމެރިކާއާއި އިސްރާއީލުން އީރާނަށް މީހުންނާއި ހަތިޔާރު އެތެރެކުރީވެސް އިރާގު ތެރެއިންކަން ޓްރަމްޕާއި ނަތަންޔާހޫވެސް ފަހުން އެއްބަސްވެފައި ވެއެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން މިފަހުންވެސް ވަނީ، އީރާނަށް ވަގަށް އެތެރެކުރަން އުޅުނު ހަތިޔާރުގެ އެތައް ކޮންޓެއިނަރއެއް އަތުލައިގެންފައެވެ. ނުވިތާކަށް، އީރާނަށް އެތެރެކުރަން ފޮނުވާ އެތައް ހަތިޔާރެއް ކުރުދީ ހަނގުރާމަވެރިން އީރާނަށް އެތެރެނުކޮށް ވަގަށްނަގާތީ ޓްރަމްޕް ރުޅިއައިސްގެން ވާހަކަ ދައްކާފައިވެސް ވެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން ކަމަށް ބުނެ އީރާނުންވެސް މިހާރުވަނީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވެރިން ވިދާޅުވަނީ، ދުޝްމަނުންނާ ދެކޮޅަށް މުޅިން ތަފާތު އައު ހަތިޔާރާއި، އަސްކަރީ އައު ޓެކްނޯލޮޖީގެ ބޭނުންވެސް ކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އީރާނުން ހަމަލާދޭނޭ ބައެއް ހަތިޔާރުތަކަކީ ދުޝްމަނުން ސަޕްރައިޒްވާނޭ ހަތިޔާރުތަކެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އެއީ ސަރަހައްދުގައި ކުރެވޭ ހަނގުރާމައަކަށް ނުވާނޭ ކަމަށާއި، އެ ހަނގުރާމަ އިންޑިއާ ކަނޑުގެ ސަރަހައްދަށްވެސް ފުޅާވެގެންދާނޭ ކަމުގެ އިންޒާރު އީރާނުގެ ލަޝްކަރުތަކުން ބުނެ އިންޒާރު ކޮށްފައި ވެއެވެ. ކުރިން ފަހަރުތަކުގައި އީރާނުން ރައްދު ހަމަލާތައް ނުދޭ މުޅިން އައު އެތައް އަމާޒަކަށް ހަމަލާދޭންވެސް އީރާނުން ކަނޑައަޅާފައި ވެއެވެ. ނަމަވެސް، އެއީ ކޮން ތަންތަނެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ