އީރާނަށް ހަމަލާދިނުން އަވަސްކޮށްފާނެ، 15 ވަނަ ފަހަރަށް ހަނގުރާމައިގެ ކާމިޔާބީ ޓްރަމްޕް އިއުލާންކުރާނެ

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާ ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުއަރީ މަހު ފެށި އުދުވާނީ ހަނގުރާމައާއި، އޭގެފަހުން އެމެރިކާ ސިފައިން އީރާނަށް ދިން ހަމަލާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނު ބަލިކޮށް ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށް މިހާތަނަށް 14 ފަހަރު އިއުލާން ކޮށްފައި ވެއެވެ.

އީރާނާ ދެކޮޅަށް ހިންގި އަސްކަރީ އުދުވާނުތަކަށްފަހު އެމެރިކާގެ ރައީސާއި، ނަތަންޔާހޫ ކުރިން ބުނަމުންދިޔައީ އީރާނުގެ ހުރިހާ ވެރިން “މަރާލެވިއްޖެ” ކަމަށެވެ. ޓްރަމްޕް ތަކުރާރުކޮށް ބުނަމުންދިޔައީ އީރާނުގައި މިހާރު ސިޔާސީ އަދި އަސްކަރީ ވެރިޔަކުވެސް ނެތް ކަމަށާއި، ކަމަކާ މަޝްވަރާ ކުރާނެ މީހަކުވެސް ނެތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެން ޓްރަމްޕް ބުނީ، އީރާނުގެ ކަނޑުގެ ލަޝްކަރާއި، އެމީހުންގެ ހުރިހާ މަނަވަރުތަކެއް ކަނޑުއަޑިއަށް ފައްތާލެވި ނައްތާލެވިފައިވާ ކަމަށެވެ. ދެން ބުނީ، އީރާނުގެ ވައިގެ ލަޝްކަރެއްވެސް މިހާރު ނެތް ކަމަށެވެ. އޭގެފަހުން ބުނީ، އެއްގަމު ސިފައިންގެ ލަޝްކަރުން ބާކީތިބީ “މަދުބައެއް” ކަމަށާއި، އެމީހުންވެސް ވަރަށް އަވަހަށް އަމާންދޭނޭ ކަމަށެވެ.

އީރާނާ ދެކޮޅަށް ހިންގި ވަރުގަދަ އަސްކަރީ އުދުވާނުތަކަށްފަހު، އެކި ފަހަރުމަތިން އީރާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ބޮޑާ ކިބުރުވެރި އެތައް ވާހަކަތަކެއް ދައްކާފައި ވެއެވެ. އެމެރިކާ ސިފައިންގެ މޮޅުވާހަކަ ދައްކައި އެތައް ފޮންޏެއް ކަނޑާފައި ވެއެވެ.

އެހެން ނަމަވެސް، އެމެރިކާއާއި އިސްރާއީލު އީރާނާ ދެކޮޅަށް އިސްވެ ފެށި އުދުވާނަށް މިހާރު މި ހިނގަނީ 9 ވަނަ މަހެވެ. އީރާނު އަދިވެސް ގެންދަނީ އެއްވާނެއްގައި ހިފަހައްޓަމުންނެވެ. އީރާނުގެ ކަނޑުގެ ލަޝްކަރު، ވައިގެ ލަޝްކަރު އަދި އެއްގަމު ލަޝްކަރުވެސް އެގޮތުގައި އެބަ އޮތްކަން ދުނިޔޭގެ އެންމެނަށް ދަނީ ސާބިތުކޮށްދެމުންނެވެ. ދުޝްމަނުންނަށް ވަރުގަދައަށް ގެންދަނީ ކުރިމަތިލަމުންނެވެ.

އީރާނުގެ ލަޝްކަރުތައް ސާބިތުވެ އޮތްކަން އެނގިގެންދަނީ ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާއިން ކުރަމުންދާ އެއްވެސް ކަމަކުން ކުރި ނުހޯދިގެން އުޅޭތީއެވެ. އެމެރިކާގެ މަނަވަރަކަށްވެސް ހޮރްމޫޒަށް ވަނަނުދޭތީއެވެ.

އަސްކަރީ ގޮތުން އީރާނު ބަލި ނުކުރެވުމުން އެމެރިކާގެ ރައީސް ޓްރަމްޕް ދެން ދިމާކުރީ، އިގްތިސާދީގޮތުންނާއި، މާލީގޮތުން އީރާނު އިނދަޖައްސާލުމަށެވެ. އެގޮތުން އީރާނުން ތެޔޮ ބޭރުވިޔަނުދީ މަގުތައް ބަންދުކޮށް، ދުނިޔޭގެ ގައުމުތަކަށް ބިރުދައްކައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އީރާނުގެ އެއަރލައިންތަކަށް ހުރަސް އެޅިއެވެ.

އެހެން ނަމަވެސް، އެމެރިކާގެ އެ ފިޔަވަޅުތަކުން އީރާނަށް ކުރާ އަސަރު ކުޑަކަން އެނގުމާއި، އެމެރިކާއިން ދައްކާ ބިރަށް ދުނިޔޭގެ ބޮޑެތި އެތައް ގައުމަކުން ނުސިހޭކަން އެނގުމާއި، އެމެރިކާއިން އަމުރުކުރިޔަސް އީރާނަށް އެއްބާރުލުންދޭ ގައުމުތަކުން އީރާނާ ދެކޮޅު ނުވާނޭކަން އެނގުމުން ޓްރަމްޕް އަނެއްކާވެސް މިހާރު ދިމާކޮށްފައިވަނީ އީރާނަށް އަސްކަރީ ހަމަލާ ދިނުމަށެވެ.

މުއުތަބަރު ރިޕޯޓްތައް ބުނަނީ، އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެފަހުން އީރާނަށް އަސްކަރީ ހަމަލާދޭން ފެށުމަށް ކަމަށެވެ. އެގޮތުން ރާވާފައިވަނީ 3 ދުވަސްވަންދެން ހުއްޓާނުލާ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށާއި، އެގޮތުން “ހުރިހާ ބޮންތަކުގެ މަންމަ” ބޮމާއި، ބަންކަރ ބަސްޓަރ ބޮމާއި، މިސައިލާއި ޑްރޯންއާއި، އަސްކަރީ ޖެޓުތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއަރ ސައިޓްތަކާއި، ބެލިސްޓިކް މިސައިލާއި ޑްރޯން ސައިޓްތަކާއި، އަދި ހަކަތައިގެ އިންފްރާސްޓްރަކްޗަރ އެކަށް ސުންނާފަތިކޮށްލަން ރާވާފައިވާ ކަމަށް ބުނެފައި ވެއެވެ. ހަމަލާދީ ހަލާކުކޮށްލަން ރާވާފައިވާ ތަންތަނުގެ ތެރޭގައި އީރާނުގެ އެންމެ ވަރުގަދަ ނިއުކްލިއަރ ސައިޓް “ޕިކްއެކްސް” ފަރުބަދަވެސް ހިމެނެއެވެ. އެއީ، ނިއުކްލިއަރ މައި ސައިޓް ހަދާފައިވަނީ އެ ފަރުބަދައިގެ އަޑީގައިކަމުންނެވެ.

އޭގެފަހުން، ޓްރަމްޕާއި، ނަތަންޔާހޫ ނިންމާފައިވަނީ އީރާނާ ދެކޮޅަށް ހަނގުރާމަކޮށް އީރާނު ބަލިކުރެވިއްޖެކަން އިއުލާންކޮށް، އީރާނުގެ މައްޗަށް ކާމިޔާބީ ލިބިއްޖެކަން ރަސްމީގޮތުން އިއުލާން ކުރުމަށް ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެހެން ވެއްޖެނަމަ މިއީ، އީރާނު ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަން އެމެރިކާގެ ރައީސް އިއުލާން ކުރާނެ 15 ވަނަ ފަހަރަށް ވެގެންދާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިކަން ވެގެންދާނީ އީރާނު ހަނގުރާމައިން ސަލާމަތްވެ ހަނގުރާމައިން ނުކުންނާނެ ފުރުސަތަކަށެވެ. އެއީ، އީރާނުގެ ކިބައިން ސަލާމަތްވާނެ ގޮތެއް ނުފެނިގެން އުޅޭތީއެވެ. އޭނާ ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދުވެސް އިނދަޖެހި، ތެލާއި، ގޭހާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް، ރައްޔިތުން ބިކަވެ، އެންމެންގެ ރުޅި އޭނާއަށް އަމާޒުވެފައިވާތީއެވެ. ޓްރަމްޕް މިހާރުވެސް ވެފައިވަނީ އެމެރިކާ މިހާތަނަށްދުށް އެންމެ މަގްބޫލްކަން ކުޑަ ރައީސަށެވެ.

ދެން އޮތީ ނަތަންޔާހޫގެ ވާހަކައެވެ. އިސްރާއީލުގެ އާންމު އިންތިޚާބު އަންނަ ހަފްތާގެ އަންގާރަ ދުވަހު ބާއްވާއިރު، ނަތަންޔާހޫ މަސައްކަތް ކުރަމުންދަނީ އިސްރާއީލު އާންމުންގެ ތާއީދު އިތުރު ކުރުމަށްޓަކައި އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާ ދިނުމަށް ކަމަށް، އެމެރިކާއާއި އިސްރާއީލުގެ ނޫސްތަކުންވެސް ބުނެފައި ވެއެވެ. މި ވާހަކަތަކަށް ބާރު ލިބެނީ އެމެރިކާގެ ރައީސް ޓްރަމްޕް މިއަދު ދެއްކި ވާހަކަތަކުންނެވެ. އޭނާ ބުނެފައިވަނީ އީރާނާއެކު މިހާރު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، ދެންއޮތީ އަމަލީ ފިޔަވަޅު އެޅުމުގެ ވަގުތު ކަމަށާއި، ވަރަށް އަވަހަށް އެކަން ކުރާނޭ ކަމަށެވެ.

އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ހެގްސެތު އިސްރާއީލަށް ސިއްރުންގޮސް، ނަތަންޔާހޫއާއެކު ސައްލާކޮށް ހަނގުރާމައަށް އެމެރިކާ ސިފައިން ފޮނުވަން ޓްރަމްޕަށް “މަޖުބޫރުވާނެފަދަ” އީރާނާ ގުޅޭ ޖާސޫސީ އެސެސްމަންޓް ރިޕޯޓެއް ޓްރަމްޕަށް ފޮނުވިއެވެ. އޭގައި އީރާނަށް ވީހާވެސް އަވަހަކަށް ހަމަލާދޭންޖެހޭކަން ބަޔާންކޮށްފައި އޮތެވެ. އެމެރިކާގެ ރައީސް ވަގުތުން އެކަން ގަބޫލުކޮށް އީރާނަށް ހަމަލާދިނުން އަވަސްކުރަން ނިންމި ކަމަށް، އެމެރިކާގެ މީޑިއާއިންވެސް ރިޕޯޓްކުރިއެވެ.

އެމެރިކާ ސިފައިންނާއި، އިސްތިއުމާރީ ސިފައިން މިހާރުވަނީ އީރާނަށް ހަމަލާދިނުމުގެ އަސްކަރީ ތަމްރީނުތައްވެސް އެކުގައި ފުރިހަމަ ކޮށްފައެވެ. ވައިގެމަގުން ހަމަލާދިނުމުގެ އިތުރުން، އިރާގުތެރެއިން އެއްގަމުމަގުން ހަނގުރާމަވެރިން އީރާނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތުގެ ތަމްރީނުތައްވެސް ފުރިހަމަ ކޮށްފައި ވެއެވެ. ސޫރިޔާއާއި އިރާގުގެ ވައިގެ ސަރަހައްދުގެ ތެރެއިންލާފައި އިސްތިއުމާރީ ސިފައިންގެ އަސްކަރީ އެތައް  ޖެޓެއް އީރާނުގެ ބޯޑަރާހަމައަށް ހޯމަދުވަހު ގޮސްފައިވަނީ މިކަމުގެ ތަމްރީނަށެވެ.

ނުވިތާކަށް، ޔޫކްރެއިން ތެރެއިންލާފައި އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތައްވެސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން އަންގަނީ “ހޭވައްލާ ތައްޔާރު” ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ