ރަސްމާލެ މާސްޓަޕްލޭނަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

ޚަބަރު ފަހުގެ

ރަސްމާލޭ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ކުރިން ހުށަހެޅުމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. އެ ވުޒާރާއިން ބުނީ ބީލަމުގެ ކުރިން މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ނޯންނާނެ ކަމަށެވެ. ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު 09:00 ގައި ބިނާރާ ބެހޭ ވުޒާރާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރެވެ. މި މަޝްރޫޢުގެ ދަށުން 1،000 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކަމުންދާއިރު، މިއީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެގެންދާނެއެވެ. ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ ކުރިއަށްއޮތް 20 އަހަރު ތެރޭގައި 200،000 ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ.

މިއީ ތިމާވެއްޓާ ރައްޓެހި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ފަރުމާކުރެވޭ ސިޓީއެކެވެ. މީގެއިތުރުން، ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރު އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމް ޝީޓުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ