އީރާނަށް ހަމަލާދޭން އިދިކޮޅުގެ ރުހޭބަސް ބޭނުން ނުވާކަމަށް އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު ޔިސްރައިލް ކާޓްޒް ބުނެފިއެވެ.
އެކްސް ޕްލެޓްފޯމްގައި ޕޯސްޓްކުރި މެސެޖެއްގައި ކާޓްޒް ބުނެފައިވަނީ، އިސްރާއީލު ސިފައިން ހަރަކާތްތެރިވާ އެއްވެސް ތަނެއްގައި އަސްކަރީ ހަމަލާތައް ދިނުމަށް އިދިކޮޅު ފަރާތްތަކުގެ ނުވަތަ ގާނޫނީ އެއްވެސް ފަރާތެއްގެވެސް ރުހުމެއް ބޭނުންނުވާ ކަމަށެވެ.
އިދިކޮޅުގެ ރުހުން ބޭނުން ނުވާކަމަށް ޑިފެންސް މިނިސްޓަރު މިބުނީ، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާދޭން ފެށުމަށް ތައްޔާރުވުމަށް އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫ، އިސްރާއީލު ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށް ފެތުރިފައިވާ ރިޕޯޓްތަކާ ގުޅިގެން އެކަމުގެ މައުލޫމާތު ހޯދަން އިދިކޮޅު ލީޑަރު ގާޑީ އެއިޒެންކޮޓް ނަތަންޔާހޫއަށް ގޮވާލުމާ ގުޅިގެންނެވެ.
އިސްރާއީލުގެ ދައުލަތުގެ މީޑިއާ، ކާންއިން ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަން ޖެހިދާނެތީ އެކަމަށް ތައްޔާރުވާން އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ.
މިދިޔަ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ނަތަންޔާހޫގެ ވެރިކަންކުރާ ކޯލިޝަނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލި، އިސްރާއީލުގައި އައު ސަރުކާރެއް އެކުވަލާލަން އިސްރާއީލުގެ ރައީސް ފުރުސަތު ދީފައިވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އެއިޒެންކޮޓަށެވެ.
އިސްރާއީލުގެ ވެރިކަމުގައި ވަގުތީގޮތުން ނަތަންޔާހޫ ހުރިނަމަވެސް އޮކްޓޫބަރުން ފެށިގެން ކެބިނެޓް ބައްދަލެއް ނުކުރެއެވެ. އެކަމަކު، އިސްރާއީލުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމުގެ ބާރު ނަތަންޔާހޫއަށް އޮވެއެވެ.
އީރާނަށް ހަމަލާދޭން ތައްޔާރުވާން ސިފައިންނަށް ނަތަންޔާހޫ އަމުރުކުރި ޚަބަރާއެކު އެއިޒެންކޮޓް އެދުނީ އެކަމުގެ މައުލޫމާތު ދިނުމަށެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތަށް “ސީދާ އަދި ކުއްލި ނުރައްކަލެއް ނެތި” އަސްކަރީ ހަމަލާތައް ފެށުމަކީ އިސްރާއީލުގެ ޑިމޮކްރަސީއަށާއި ރައްޔިތުންގެ އިތުބާރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނޭ ކަމެއް ކަމަށް އެއިޒެންކޮޓް އިންޒާރު ދީފައި ވެއެވެ.
އީރާނު ހަނގުރާމައިގެ ތެރެއަށް އިސްރާއީލު ގެންދިއުމުގެ ބާރު ވަގުތީގޮތުން ވެރިކަންކުރާ ސަރުކާރަށް ނޯންނާނެ ކަމަށްވެސް އެއިޒެންކޮޓްވަނީ ބުނެފައެވެ.
އެއިޒެންކޮޓްގެ ކޯލިޝަނުން ބުނަނީ، ނަތަންޔާހޫ ބޭނުންވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އިސްރާއީލުގެ ވެރިކަމުގައި އޭނާއަށް ހުރެވޭގޮތަށް މަގުފަހި ކުރުމަށް ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނަނީ، އެމެރިކާ ލައްވައި އީރާނަށް ހަމަލާދޭން ފަށަން ނަތަންޔާހޫ ކޮންމެ ދުވަހަކު އެމެރިކާގެ ރައީސް ޓްރަމްޕަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް، އީރާނަށް ހަމަލާދިނުމަށް އެމެރިކާ ފަސްޖެހިފައިވާކަން ޓްރަމްޕާއި އެމެރިކާ ސަރުކާރުގެ ވެރިން މިފަހުން ދައްކަމުންދާ ވާހަކަތަކުން ހާމަވެއެވެ.



