ހުޅަނގުގެ ގައުމުތަކުން އީރާނާމެދު ގެންގުޅެނީ މުނާފިގު ގޮތްތަކެއް: އީރާން

ދުނިޔެ ޚަބަރު ފަހުގެ

އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ހުޅަނގުގެ ގައުމުތަކުން އީރާނާމެދު ދެފުށްދެގޮތް ސިޔާސަތުތަކެއް ގެންގުޅޭތީ އީރާނުން ނުރުހުން ފާޅުކޮށް އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ ވިދާޅުވީ، ހުޅަނގު ގައުމުތަކުން އީރާނާމެދު ގެންގުޅެނީ މުނާފިގު ގޮތްތައް ކަމަށާއި، ގެންގުޅެނީ ދެފުށްދެގޮތް މިންގަނޑުތަކެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ ވިދާޅުވީ، ޕާޝިއަން ގަލްފާއި އަދި ހޮރްމޫޒު ކަނޑުއޮޅި މިހާރު އޮތް ހާލަތަށް ވެއްޓިގެންދިޔަ މައިގަނޑު ސަބަބަކީ، އެމެރިކާއާއި، އިސްތިއުމާރީ އިސްރާއީލުން 2025 ވަނަ އަހަރުގެ ޖޫންމަހާއި، އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމަތައް ކަމަށެވެ.

މިކަމުގައި އެމެރިކާއަކީ އަނިޔާވެރިއެއް ކަމަށާއި، ޝިކާރައަކަށް ވެފައިވާ ފަރާތެއް ނޫން ކަމަށް، ސަލާމަތީ މަޖިލީހުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ މަންދޫބުންގެ ކުރިމަތީގައި އީރާނު އެމްބަސެޑަރ ވިދާޅުވިއެވެ.

ޑިޕްލޮމަސީގެ ތެރެއިން މައްސަލަތައް ހައްލުކުރަން އެމެރިކާއިން ބޭނުންވާނަމަ އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަނގުރާމަ ވަގުތުން ހުއްޓައި އަދި އީރާނާ ދެކޮޅަށް ހިންގާ ޣައިރުގާނޫނީ ބްލޮކޭޑް ވަގުތުން އުވާލުމަށްވެސް އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ ޑިމާންޑް ކުރައްވާފައި ވެއެވެ.

ސަލާމަތީ މަޖިލީގައި ހިމެނޭ ހުޅަނގުގެ ގައުމުތަކަށް އީރާނު އެމްބަސެޑަރުގެ ބަހުގެ ހަމަލާތައް އަމާޒުމިކުރީ، ހޮރްމޫޒު މައްސަލާގައި އެގައުމުތަކުން އީރާނު ކުށްވެރިކޮށް ވާހަކަ ދައްކަމުން ގެންދާތީއެވެ. އަދި ހޮރްމޫޒުގެ މައްސަލާގައި އީރާނަށް ދަތިކޮށް އެތައް ކަންތައްތަކެއް ކުރަމުން ގެންދާތީއެވެ.

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެކަމުގެ ރައްދު ފިޔަވަޅެއްގެ ގޮތުންނެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެކުރިން ހޮރްމޫޒަކީ މުޅިން ހުޅުވާލެވިފައިވާ ތަނެކެވެ.

އީރާނުން ހޮރްމޫޒު ބަންދުކުރުމުގެ ސަބަބުން ގެހާއި ތެލާއި އެހެންވެސް މުދާ ބޭރުނުކުރެވި، އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފައި ވެއެވެ. ޚާއްސަކޮށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް އެކަމުގެ ބޮޑެތި ގެއްލުމާ ދަނީ ކުރިމަތިވަމުންނެވެ.

އެކަމަކު، މިމައްސަލާގައި ހުޅަނގުގެ ގައުމުކުން އެމެރިކާ އަދި އިސްރާއީލު ގޯހެއް ހެދިކަމަށް ގަބޫލެއް ނުކުރެއެވެ. އެމީހުން ގޯސްކުރަނީ އީރާނެވެ. ހޮރްމޫޒު މައްސަލާގައި ސަލާމަތީ މަޖިލީހުގައި ހިމެނޭ ހުޅަނގުގެ ގައުމުތަކުން ދަތިކޮށް އަދަބުދޭން މަސައްކަތް ކުރަނީ އީރާނަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި ތުއްތު ކުދީންނާއި، އެތައްސަތޭކަ އާންމުން މަރުވެ، އެއަރޕޯޓްތަކާއި ބްރިޖްތަކާއި މަދަނީ އެތައް ތަނަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވާއިރުވެސް އެންމެ ކުޑަމިނުން އެކަން ކުށްވެރިވެސް ކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ