ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިޙާދުވުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
ޢަދާލަތު ޕާޓީން މި ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި ޤަރާރެއްގައެވެ. އެ ޤަރާރުގައި ވަނީ މި ނިންމުން ނިންމުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
ޢަދާލަތު ޕާޓީގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީއާއެކު އިއްތިޙާދުވެގެން މަސައްކަތްކުރުމަށް ޕީއެންސީގެ ފަރާތުން ޢަދާލަތު ޕާޓީއަށް ރަސްމީކޮށް ދަޢުވަތު ދެއްވާފައިވާ ކަމަށް އެ ޤަރާރުގައިވެއެވެ.
އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދުކަން އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.
މި ސަބަބުތަކަށްޓަކައި، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކުރުމަށް މަޝްވަރާ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށްވެސް އެ ޤަރާރުން ވަނީ ފާސްކޮށްފައެވެ.


