އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ސިޓީއަށް ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. މި ބައްޔާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ އާއި ލިވަޕޫލާއި ދެމެދު ދިހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތަރު ވަނައިގައި 40 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ސިޓީ އޮތީ 50 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އެންމެ ގާތުން ވާދަކުރާ މެންޗެސްޓަ ސިޓީއަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.
ދެ ޓީމުވެސް ވަރުގަދަކޮށް ފެށި މި މެޗުގައި ސިޓީއަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ގުންޑޮގާން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާ މާ ދުރުންނެވެ. ފުރަތަމަ ހާފުގައި މާބޮޑު ކަމެއް ނުފެނުނު ނަމަވެސް ދެ ވަނަ ހާފުގައި ފެނިގެންދިޔައީ ފުރަތަމަ ހާފާއި ހިލާފަށް ވަރުގަދަ ކުޅުމެކެވެ. މި ހާފު ފަށަިއގެން ހަތަރުވަނަ މިނެޓުގައި ގުންޑޮގާން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ.
ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީން އުފާފާޅުކުރަނީ
އެއަށްފަހު ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއެވެ. އޭރިއާ ތެރެއިން ލިވަޕޫލުގެ ސަލާހަށް ސިޓީގެ ރުބެން ޑިއާޒް ކުރި ފައުލާއި ގުޅިގެން ދިން މި ޕެނަލްޓީ ކާމިޔާބުކޮށްފައި ވަނީ ވެސް ސަލާހުއެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ސިިޓީން އަނެއްކާވެސް ލީޑު ނެގިއެވެ. ފިލް ފޮޑެން ގެ އެހީއާއެކު ގުންޑޮގާން މި ލަނޑު ޖެހިއިރު މިއީ ލިވަޕޫލްގެ ކީޕަރު އެލިސަން ހެދި ގޯހެއްގެ ފައިދާ ނަގައިން ޖެހި ލަނޑެކެވެ .
މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ބެނާޑޯ ސިލްވާގެ އެހީއާއެކު ރަހީމް ސްޓާލިން ސިޓީގެ ތިންވަނަ ލަނޑު ޖެހިއެވެ. މިއީވެސް ގޯލްކީޕަރު އެލިސަންގެ ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ލަނޑެކެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު ގެބްރިއަލް ޖީސަސްގެ އެހީއާއެކު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެންއެވެ.
ލީގުގައި ސިޓީން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހު 13 ވަނަ ދުވަހު ޓޮޓެންހަމް އާއެވެ. އަދި އެ ދުވަހު ލިވަޕޫލް ބައްދަލުކުރާނީ ލެސްޓަ ސިޓީއާއެވެ.


