ތެދެކެވެ. އިންސާނާ ދުނިޔެއަށް އަންނަނީ އެކަންޏެވެ. އަދި އޭނާ ދުނިޔެ ދޫކޮށްދަނީ ވެސް ހަމަ އެކަންޏެވެ. އެހެން ކަންތައް އޮތަސް، އިންސާނާ ސިފަކުރެވެނީ ‘އެކަނިވެރި ކާއިނެއް’ގެ ގޮތަށް ވުރެ ބޮޑަށް ‘އިޖުތިމާއީ ކާއިނެއް’ގެ ގޮތުގައެވެ. އާދެ، އޭނާއަކީ އެހެން މީހުންގެ ސުހުބަތަށް އެދި، އެހެން މީހުންނާއި އެކުގައި އުޅެން ބޭނުންވާ މީހެއްގެ ގޮތުގައެވެ. އެހެންވެ، ދޭދޭ ގުޅުމަކީ އިންސާނާއަށް ވަރަށް މުހިއްމު ގުޅުމެކެވެ. ތިމާގެ ކަމުގެ ގުޅުމެވެ. ރަހުމަތްތެރިކަމުގެ ގުޅުމެވެ. ލޯބީގެ ގުޅުމެވެ. މިފަދަ ގުޅުންތަކަކީ އިންސާނާއަށް ހިތްހަމަޖެހުމާއި ނުހަނު އުފާވެރިކަން ލިއްބައިދޭ ކަމެކެވެ. މިފަދަ ގުޅުންތައް ކެނޑި، އޭނާ އެކަނިވެރިވާން ދިމާވާ ވަގުތުތަކަކީ ހިތާމައާއި ހިތްދަތިކަން، އޭނާ އިހުސާސުކުރަން ޖެހޭ ވަގުތުތަކެކެވެ. ވޭނާއި ކެކުޅުން، އޭނާ ތަހައްމަލު ކުރަން ޖެހޭ ވަގުތުތަކެކެވެ. މި ހުށަހަޅާލާ ލަވައިގައި ފާޅު ކުރެވިފައިވަނީ މިފަދަ ގުޅުމެއް ކެނޑިގެންދިޔަ ވަގުތެއްގައި، މީހެއްގެ ހިތުގައި އުފެދުނު ޝުއޫރުތަކެއްގެ ވާހަކަ ކޮޅެކެވެ.
އާދެ، ‘ހަމް ތެ ޖިންކޭ ސަހާރޭ ވޯ ހުވެ ނާ ހަމާރޭ’ (އަހަރެން އެމީހެއްގެ މައްޗަށް ބަރޯސާވި މީހާ، އަހަރެންގެ މީހަކަށް ނުވިއެވެ’ މި ލަވައެވެ. މި ލަވައަކީ 1970ގައި ނިކުތް ‘ސަފަރު’ މި ފިލްމުގެ ލަވައެކެވެ. މި ލަވައިގައި ރާވީ (ނެރޭޓަރ ލަވަ ކިޔައިދޭ މީހާ) ބަޔާންކޮށްދެނީ އޭނާގެ އަތުން ބީވެގެން ދިޔަ ލޯތްބެއްގެ ވާހަކައެވެ. އެ ލޯބީގެ މައްޗަށް އޭނާ އިތުބާރުކޮށް ބަރޯސާވިއެވެ. އޭނާއަށް އެ ލޯބި ލިބޭނެކަމުގެ ޔަގީންކަން އޮތެވެ. އެ ލޯބި ހަގީގަތަކަށް ހަދާލުމުގެ އެތައް ވައުދުތަކާއި އަހުދުތައް ލޯބީގައި ޝާމިލުވާ ދެފަރާތުން ކުރެވިފައިވާތީއެވެ. އެހެންވެ، އެ ލޯތްބައިގެން ކުރިއަށް ދެވުނީ އެތައް އެތައް ފޮނި އުއްމީދުތަކަކާއި އެކުގައެވެ. އެ ލޯތްބަކީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހަދާލުމުގެ އުއްމީދުގައެވެ. އެ ލޯތްބަކީ އެއީ އޭނާގެ ހަޔާތުގެ މަދަދުގާރު ކަމުގައި ވާނެކަމުގެ އުއްމީދުގައެވެ. އެލޯތްބަކީ އޭނާގެ އުފާތައް ހިއްސާކުރާ އަދި އޭނާގެ ހިތާމަތަކަށް ލުއިކަން ގެނެސްދޭނޭ ފަރާތަށް ވާނޭ ކަމުގެ އުއްމީދުގައެވެ. އެ ލޯބީގެ ސުހުބަތުގައި މުޅި ހަޔާތް ހޭދަކޮށްލުމުގެ އުއްމީދުގައެވެ. މި އުއްމީދުތަކުގެ ނައު ވަރަށް ހަލުވިކަމާއެކު ދަތުރުކޮށް ހަގީގަތުގެ އައްސޭރިއަށް ވާސިލުވާން ދާދި ކައިރި ވެފައިވަނިކޮށް، އެ ނައު ފެތި، އެއާ އެކު އުއްމީދުތައް ގެނބި ގެއްލިގެން ދިޔައީއެވެ. އާދެ، އޭނާގެ ލޯބި ހަގީގަތަކަށް ނުވެ، ބޭކާރުވެ ދިޔައީއެވެ. އެ ލޯބި ހަގީގަތަކަށް ހަދާލުމަށް ކުރެވުނު ވައުދުތަކުގެ ބިނާ އެޅުނީ ވެލީގެ ފާރުތަކަކުންނެވެ. އެހެންވެ، އެ ބިނާ ވައްޓާލައި ގިރާލަން މާ އުނދަގޫކަމަކަށް ނުވީއެވެ.
ކޮންމެއަކަސް، ރާވީ ބަޔާންކުރާގޮތުގައި، އޭނާގެ ހަޔާތަށް ކޮންމެވެސް ދުވަހަކުން ހަމަޖެހުން އަތުވެދާނެއެވެ. ގެއްލުނު ލޯބީގެ ސަބަބުން ހިތުގައި އުފެދުނު ފުން ޒަޚަމްތަކާއި ފާރުތައް ފަސޭހަވެދާނެއެވެ. ނަމަވެސް، އަލަތު ލޯތްބަކީ އެހާ ފަސޭހައިން ހަނދާނުން ފޮހެލެވޭ އެއްޗެއް ނޫނެވެ. ރޭ ދުވާ ތަކުރާރުވެ، ޒަމާން ދައުރުވަމުން ދިޔަޔަސް، ފަސްއަޅައި އެ ހަނދާންތައް ވަޅުލެވޭ ގޮތެއް ނުވެއެވެ. އަބަދުމެ އަބަދު، އެ ހަނދާންތައް އާވެ، އާވެ، ހުރެއެވެ. އެ ލޯބީގެ ހަނދާންތައް، ފޫނުބެއްދޭ އެކަނިވެރިކަމެއްގެ އިހުސާސުތަކެއް ގެނުވަ، ގެނުވާ، ހުރެއެވެ. އަދި، އެ އިހުސާސުތައް އަބަދުމެ، ހިތުގައި ކަށި ޖަހާލަ ޖަލާލަ ހުރެއެވެ. ނަމަވެސް، ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ގެއްލި ދިޔަ ލޯބި އަނބުރައެއް ނުލިބޭނެއެވެ. ގެއްލި ދިޔަ އެ ރަން އަސްރު، އެ ހިތްގައިމު ޒަމާން، އަލަކުން ނުގެނެވޭއެވެ. ދެން އޮތީ، ނަސީބާއި އެކަން ހަވާލުކޮށްލައި ހިތްހަމަ ޖައްސާލައިގެން ހުރުމެވެ. ދުނިޔެއިން ލޯތްބާއި ވަފާތެރިކަން އެއްބަޔަކަށް ލިބުނަސް، އަނެއްބަޔަކު ވަނީ މިކަމުން މަހުރޭމުވެފައޭ ބުނެލަމުންނެވެ. އާދެ، ޅެން ވެރިޔާ ވިދާޅުވެފާވާ ފަދައިންނެވެ.
“ރަބީއެއް ނުމެ ދެކޭ ގަސްވެސް ފަޅާ ހެދެޔޭ މިދުނިޔޭގައި
އަބީރުގެ ފޮނިކަމެއް ދުވަހަކު ލިބުން ނުމެވާ ނަސީބެއްގައި
އެއީ ދުނިޔޭގެ ގާނޫނޭ ރަބީއާ އަދި ޚަރީފު އައުން
މިއީ ވިއަކަސް ތަބީއަތަކަށް ހިނގާ އާލަމް ހަގީގަތުގައި
ބައެއް ގުލްޝަން ވެފައި ހީނަރު އަލުން ތާޒާވަމުން ދާއިރު
ބައެއް ގަސް ހިކި ފަނާވެ ދިޔުން ޚަރީފުންވޭ ތަބީއަތުގައި
ބައެއް މާ އޭގެ ފޮނި ލައްޒަތު ދެމުން ދާއިރު އެތައް ހިތަކަށް
ބައެއް މާ ފަނާވެ ދެޔޭ ނުފެނި ތިބެ ހޫނު ސަހަރާގައި”
އާދެ، ތިމާ އެދޭ ލޯބި ބައެއް ފަހަރު ނުލިބި ދިޔުން އެއީވެސް ބައެއް ފަހަރު ތަގުދީރު މެދުވެރިކުރާ ކަމެކެވެ. އޭގައިވެސް ކޮންމެވެސް ހިކުމަތެއް ވާނެއެވެ. އެކަމަށް ކެތްކޮށްލައިގެން ހުރުން ނޫންގޮތެއް ދެނެއް ނެތެވެ. ‘ހަމް ތެ ޖިންކޭ ސަހާރޭ ވޯ ހުވެ ނާ ހަމާރޭ’، މިލަވަ، ދިވެހި ތަރުޖަމާއާއެކު އަޑުއައްސަވާލައްވަން ބޭނުންނަމަ، މި އެޑްރެހަށް ޒިޔާރަތްކޮށްލައްވާށެވެ.