25 ވީ ބުރާސްފަތި ދުވަހު ބ.އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތް 1442 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޒާރާ މުހައްމަދު ނަޝީދު ހޯދިއިރު، ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ އާމިނަތު މިކްޔާލް ޙަސަން ވާޙިދު ހޯދައިފިއެވެ.
މި މުބާރާތުގައި އެ މަދަރުސާގެ 154 ދަރިވަރުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްގާރީ މުހައްމަދު ސާމީ އާއި ޝާމިލާ އިދުރީސްގެ އިތުރުން އަލްގާރީ ފާތުމަތު ސަނާއެވެ.
މި މުބާރާތް ނިމުމުގެ ހަފުލާގައި އެ މަދަރުސާގެ ޕްރިންސިޕަލް ނާޒްނީން އަބްދުﷲދީދީ ވަނީ ދަރިވަރުނާއި ބެލެނިވެރިނާއި މުހާޠަބުކޮށް ވާހަކަ ދައްކަވާފައެވެ.
މިފަދަ މުބާރާތެއް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެކުގައިކަމަށްވާތީ ،ހާއްޞަކޮށް މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު ދެންނެވިއެވެ. ހަމައެއާއެކު، ޕީޓީއޭގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުންވެސް ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.
މިފަދަ މުބާރާތްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނާއިމެދު ލޯބި އުފެއްދުމާއި، އެންމެހާ ދަރިވަރުންނަކީވެސް ގުރުއާން ކިޔަވަން ޝައުގުވެރިވާ ދަރިވަރުންތަކަކަށް ހެދުމަށް ކަމަށް އެމަދަރުސާއިން ބުނެއެވެ.
މި މުބާރާތުގެ ވަނަތައް ތިރީގައި މިވަނީ އެވެ.
ބަލައިގެން ކިޔެވުމުގެ ބައިން
- ޒާރާ މުހައްމަދު ނަޝީދު
- އަޙްމަދު ޔައިޝް ޝަހީމް
- އާއިޝަތު ޔާނާ ސަމީޙް
ނުބަލާ ކިޔެވުމުގެ ބައިން
- އާމިނަތު މިކްޔާލް ޙަސަން ވާޙިދު
- މުޙައްމަދު އާޔަން ސަމީޙް
- ރަނާ ޢަބްދުﷲ ޝަރީފް
- ޢާއިޝަތު އަލީޝާ އަޝްފާޢު