ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ.
އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 ވަނަ ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ބާރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރުމަށް އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައިވާއިރު، އެރަށް މޮނިޓަރިން ހާލަތުން ނެގުމާއި ހަމައަށް ޖުމްލަ 36 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.


