އާސެނަލް އެއްވަރު، ޓޮޓެންހަމަށް މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފަހަތުން އަރައި އާސެނަލް ސަލާމަތްވިއިރު، އެސްޓަން ވިލާ އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ވެސްޓް ހޭމާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ވެސްޓް ހޭމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ވެސްޓް ހޭމަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ޖަރޮޑް ބޮވެން ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ތޯމަސް ސޫޗެކް ވަނީ ވެސްޓް ހޭމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

އެކަމަކު އޭގެ ފަހުން އާސެނަލުން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަކީ މެޗުގެ 38 ވަނަ މިނެޓުގައި ވެސްޓް ހޭމުގެ ސޫޗެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ވެސްޓް ހޭމުގެ ކްރައިގް ޑޯސަން އަތުން ބައިކޮޅަށް ވަން ލަނޑާއެކު، އާސެނަލުން ވަނީ މެޗުގައި ފަރަގު ކުޑަކޮށްފައެވެ. އަދި މި މެޗުން އާސެނަލް ބަލިނުވެ ސަލާމްތަވީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އަލެކްޒެންޑަ ލަކަޒޭޓް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު 29 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. އަދި އާސެނަލާ އެއްވަރުކުރި ވެސްޓް ހޭމް އޮތީ ތާވަލުގެ ފަސްވަނައިގައި 29 މެޗުން 49 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ވިލާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއުސްއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިން ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭނެވެ. މިއީ އޭރިއާ ތެރެއިން ކޭނަށް ވިލާގެ މަޓީ ކޭޝް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 29 މެޗުން ލިބުނު 48 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ވިލާ އޮތީ ތާވަލުގެ 10 ވަނައިގައި 28 މެޗުން 41 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ