ވެސްޓް ބްރޮމުން ޓުޗެލުގެ ރިކޯޑަށް ނިމުން ގެނެސްފި

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޗެލްސީ ބަލިކޮށް، ތޯމަސް ޓުޗެލް ދަމަހައްޓަމުން އައި ބަލިނުވުމުގެ ރިކޯޑަށް ވެސްޓް ބްރޮމްވިޗް އެލްބިއަނުން ނިމުން ގެނެސްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ޓުޗެލްއާއެކު ކުޅުނު 14 މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ތިއާގޯ ސިލްވާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެސްޓް ބްރޮމުން ވަނީ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ދެ މިނެޓު ތެރޭ މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަތެއުސް ޕެރޭރާއެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ކަލުމް ރޮބިންސަން ވެސްޓް ބްރޮމަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން އެމްބާއޭ ޑިއާގްނޭ ވަނީ ވެސްޓް ބްރޮމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި މޭސަން މައުންޓް ލަނޑެއް ޖަހައި، ޗެލްސީއަށް އުއްމީދު އާކޮށްދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ރޮބިންސަން ވަނީ ވެސްޓް ބްރޮމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

މި މެޗުން ބަލިވުމާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 30 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ ބަލިކުރި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 30 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ