ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިންމާ މިއަދު އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މީގެކުރިން އެމްޓީސީސީ އިން ބުނެފައި ވަނީ ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ. މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅި ވަޅުލުމުގެ މަސައްކަތުގެ %48 ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 19،679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.


