ނުހައްގު މުއްސަނދިކަން ހޯދައިފިނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނަ އިޞްލާހު ތަސްދީޤްކުރައްވައިފި

ޚަބަރު ފަހުގެ

އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ބިލަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ. އެބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެކެވެ. އަދި އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް ތަސްދީްްކުރެއްވި ބިލުގައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އުޞޫލުތައްވެސް މި އިޞްލާޙުގައި ހިމެނިގެންވެއެވެ.

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރިޝްވަތުގެ ކުށް ސާބިތުކުރުމަށްޓަކައި، ދައުލަތުގެ މުވައްޒަފަކު ހޯދުމަށް އެދުނު ނުވަތަ ޤަބޫލުކުރުމަށް އެއްބަސްވި ނުވަތަ ޤަބޫލުކުރި މަންފާއަކީ، ނުވަތަ ދައުލަތުގެ މުވައްޒަފަށް މަންފާއެއް ދިނުމަށް ހުށަހަޅާ ފަރާތުން ދިނުމަށް ވަޢުދުވި މަންފާއަކީ، ދައުލަތުގެ މުވައްޒަފަށް ޙަޤީޤަތުގައިވެސް ލިބުނު މަންފާއަކަށްވުމަކީ ލާޒިމުކަމެއް ނޫންކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ތަޞްދީޤު ކުރައްވާ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އުވޭނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ