ދިއްދޫގައި ކާފިއު އިއުލާންކޮށްފި

ޚަބަރު ފަހުގެ

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

މިގޮތުން މިއަދު ހަވީރު 4:00 އިން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ދިއްދޫ ކައުންސިލުން ހާމަކުރަށްވަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އަޅަންނިންމި ފިޔަވަޅުތަކަކީ:

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 6:00 އަށް ކާފިއު ހިންގުން، އެހެންކަމުން އެވަގުތުތަކުގައި އެއްވެސް މީހެއް ގެއިން ބޭރަށް ނުނުކުތުން.
  • ޟަރޫރީ ބޭނުމަކު ގެއިން ބޭރަށް ނުކުންނަށް ޖެހިއްޖެނަމަ ދިއްދޫ ޕޮލިސްގެ ހޮޓްލައިނަށް ގުޅައި ހުއްދަ ހޯދުމަށްފަހު ގެއިން ބޭރަށް ދިއުން.
  • އެއްގެއިން އަނެއްގެއަށް ޒިޔާރަތްނުކުރުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ، މިސްކިތަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުން.
  • ފިހާރަ/ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭ އަދަދެއް ކަނޑައަޅާ އެތަންނަތުގެ ބޭރުގައާއި އެތެރޭގައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުންނަށް ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
  • މިސްކިތްތަކަށް، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުން ނުދިއުމަށާއި މިސްކިތަށް ދުރުވާ ބޭފުޅުންވެސް މުސައްލަ ގެންދިއުމަށާއި ގެއިން ވުޟޫކޮށް މާސްކުއަޅައިގެން ދިޔުން.
  • ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަން ވެސް ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުވައިފާ ބެހެއްޓުމާއި އެހެން ގަޑިތަކުގައި ބަންދުކުރުން. އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީ ހިދުމަތް ދިނުން.
  • ފިހާރަތަކުން ކައުންސިލުން ކަނޑައަޅާ އަދަދަށް ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުމާއި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް އަދި އަތްގަނޑުތަކާއި ސިޑީގެ ރެއިލްތައް ގިނަގިނައިން ޑިސްއިންފެކްޓްކުރުން.
  • ހޮޓާ/ރެސްޓޯރެންޓްތައް ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ހިދުމަތްދިނުމާއި އަދި އެގަޑިތަކުގައި އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުން.
  • ހޮޓާ/ރެސްޓޯރެންޓްތަކުން ޙިދުމަތްދޭއިރު އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް މީހުނަށް ތިބެވޭނެ އިންތިޒާމް ހަމަޖެެއްސުން އަދި ޚިދުމަތްދީ ނިމުމުން ޑިސްއިންފެކްޓްކުރުން.
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކައި ހޮޅުއަށިތަކާއި ޖޯލިފަތިތަކުައި މީހުން އެއްވެ ތިބުން މަނާކުރުން.
  • ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެހިދުމަތް ދިނުން.
  • ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅުއްވާ ގައިދުރުކކަން ބެހެއްޓުން.

ދިއްދޫގައި ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، އެރަށުގެ ކޯވިޑްގެ ހާލަތު ނުރައްކަލަށް ހުށަހެޅުނީ، ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު ޕޮޒިޓިވްވި ހިސާބުންނެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ.

ދިއްދޫއިން މިހާތަނަށް ވަނީ 657 ސާމްޕަލެއް ނަގާފައެވެ. ރެއާއި ހަމައަށް ނަތީޖާ ނުލިބޭ ސާމްޕަލެއް ނެތެވެ.

އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިހާރު ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 79 އެވެ. އަދި އެރަށުގެ 201 ގެއެެއް ވަނީ ކަރަންޓީނުކުރެވިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ