ސިޓީއަށް އިތުރު އިންތިޒާރެއް، ލިވަޕޫލުން އުއްމީދު އާކޮށްފި

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަތުން ބަލިވެ ލީގު ޗެމްޕިއަންކަން ހޯދަން މެންޗެސްޓާ ސިޓީއަށް އިތުރު އިންތިޒާރެއް ކުރަން ޖެހުނުއިރު، ސައުތެމްޓަން އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންނެވެ. އަދި މި ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާކުރަން ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ސާޖިއޯ އަގުއޭރޯ ފޮނުވާލި ޕެނަންކާ ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ހުއްޓުވާފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 63 ވަނަ މިނެޓުގައި ހަކީމް ޒިޔެކް ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ފަހަތުން އަރައި ޗެލްސީ މޮޅުވީ އިތުރު ވަގުތުގައި މާކޮސް އެލޮންސޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން މޮޅުވެގެން ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތް ނަމަވެސް، މިހާރު އެ ޓީމަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. އެގޮތުން ސިޓީ މި ވަގުތު އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ވަނީ 67 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައަށް ޖެހިލި ޗެލްސީއަށް ވަނީ 35 މެޗުން 64 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު އާކުރީ ސައުތެމްޓަން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. އޭގެ ފަހުން މި މެޗުގެ ދެވަަނަ ހާފުގައި ސައުތެމްޓަނުން ލިވަޕޫލުގެ ގޯލަށް ނުރައްކާކުރި ނަމަވެސް، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ލިވަޕޫލުގެ ގޯލްކީޕަރު އެލިސް ބެކާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެއާއެކު މެޗުގެ ފަހު މިނެޓުގައި ތިއާގޯ އަލްކަންޓާރާ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ލިވަޕޫލާ ގުޅުނު ފަހުން ތިއާގޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 34 މެޗުން 58 ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީއަށް 35 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ