ލެވާންޓޭއާ އެއްވަރުވެ ބާސާއަށް ފުރުސަތު ހަނިވެއްޖެ

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ލެވާންޓޭއާ އެއްވަރުވެ، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް ހަނިވެއްޖެއެވެ.

ލެވާންޓޭގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުން ބާސާއިން ލީޑު ނެގިއިރު، އޭގެ ނުވަ މިނެޓު ފަހުން އޮސްމާނޭ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރީ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބާސާގެ ޑިފެންޑަރުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، މި ހާފުގެ ކުރީކޮޅު ލެވާންޓޭއިން ވަނީ ދެ ލަނޑު ޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ގޮންޒާލޯ މެރޭލޯ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ލެވާންޓޭއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ ލުއިސް މޮރާލޭސްއެވެ.

އެކަމަކު އޭގެ ފަސް މިނެޓު ފަހުން ބާސާއިން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ. ނަމަވެސް މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލެވާންޓޭއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. އެންޓޯނިއޯ ގްރާސިއާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާޖިއޯ ލެއޯނެވެ.

މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބާސާއަށް އޮތް ނަމަވެސް، މެޗު އެއްވަރުވުމާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ކުޅުނު 35 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ބާސާ އޮތީ ކުޅުނު 36 މެޗުން 76 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ 35 މެޗުން 75 ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ބާސާއާ އެއްވަރުކުރި ލެވާންޓޭ އޮތީ ތާވަލުގެ 13 ވަނައިގައި 36 މެޗުން 40 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ