ޢީދު ނަމާދު ގޭގައި ކުރުން

އިޖުތިމާޢީ ފަހުގެ ދީން

ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ޤާއިމުކުރުމަކީ އިސްލާމުދީނުގެ ވަރަށް މަތިވެތި ޝިޢާރެކެވެ. ނަމަވެސް މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިމިވާ އާލަމީ ވަބާއިން ރައްކާތެރިވުމަށްޓަކައި، ގިނަބަޔަކު އެއްތަނަކަށް އެއްވެއުޅުން މިވަނީ މަނާކުރެވިފައެވެ. މިސްކިތުގެ ޖަމާޢަތްތައް މިވަނީ ހުއްޓައިލެވިފައެވެ. މިފަދަ ޝަރުޢީ ޢުޛުރެއްގެ ސަބަބުން ޢީދު ނަމާދުގެ ޢާއްމު ބޮޑު ޖަމާޢަތް ޤާއިމު ނުކުރެވޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ފަރުދީގޮތުން ގޭގައި އެ ޝިޢާރު ޤާއިމުކުރުން ޝަރުޢުވެގެންވެއެވެ. އެހެނީ ޝަރުޢީ ޢުޛުރެއްގެ ސަބަބުން ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު އެކަލޭނގެފާނުގެ އަހުލުންނާއެކު ޖަމާޢަތުގައި ޢީދު ނަމާދު ގޭގައި ކުރައްވާކަމަށް ޞައްޙަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވެއެވެ.

ގޭގައި ޢީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް ޢީދުނަމާދު ކުރާ ފަދައިނެވެ. ނަމަވެސް ޢީދު ނަމާދުގައި ޚުޠުބާ ދިނުމަކީ ޙާކިމާ ނުވަތަ ޙާކިމާގެ ފަރާތުން އޭނާގެ ނައިބު ކުރައްވާކަމަކަށްވާތީ، ގޭގައި ޢީދު ނަމާދު ކުރާއިރު ޚުޠުބާ ދިނުމެއް ނުވެއެވެ. އަދި ބަންގި ގޮވުމާއި ޤަމަތް ދިނުމެއްވެސް ނުވެއެވެ. ގޭގައި ޢީދުނަމާދު އެކަނި ވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާޢަތުގައި ކުރުން އަޢުލާކަން ބޮޑުވެގެންވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވިސްނާލުން މުހިއްމު ނުކުތާއެއް ޢީދު ނަމާދުގެ ކުރިން އަދި  ފަހުގައިވެސް ސުންނަތް ކުރުމެއް ނުވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ  ބުން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. “ޢީދު ދުވަހު (ޢީދު ނަމާދަށް) ރަސޫލާ ނިކުމެވަޑައިގެންނެވިއެވެ. ދެން ( ޢީދު ނަމާދުގެ) ދެރަކުޢަތް ކުރައްވައިފިއެވެ. އަދި އެދެރަކުއަތުގެ ކުރިންވެސް، އަދި ފަހުންވެސް، އެކަލޭގެފާނު އެއްވެސް ސުންނަތެއް ނުކުރައްވައެވެ.”

ގޭގައި ޢީދު ނަމާދު ކުރާނެ ގޮތް

* ޢީދު ނަމާދަށް ނިޔަތް (ނިޔަތް ގަންނާނީ ހިތުން) ގަނެ  ﷲ أكبر ކިޔައި ހަށަންބަނދެ، ދުޢާއުލް އިފްތިތާޙު ކިޔުން

* ހަށަންބަތް ތަކުބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމަޔަށް އުފުލުން

* އެއަށްފަހު ފާތިޙާ ސޫރަތް ކިޔަވައި ސޫރަތުލް އަޢުލާ (  سَبِّحِ اسْمَ رَبِّكَ الْأَعْلَى) ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން

* އެއަށްފަހު އެހެން ނަމާދުތަކެކޭވެސް އެއްފަދައިން ފުރަތަމަ ރަކުޢަތް ފުރިހަމަ ކުރުމަށްފަހު ދެވަނަ ރަކުޢަތަށް ތެދުވުން

* ދެވަނަ ރަކުޢަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން 5 ތަކްބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.

* 5 ތަކްބީރު ހަމަކުރުމަށް ފަހު ފަތިޙާ ސޫރަތް ކިޔަވައި ސޫރަތުލް ޣާޝިޔާ ( هَلْ أَتَاكَ حَدِيثُ الْغَاشِيَةِ) ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން

* ދެވަނަ ރަކްޢަތް ފުރިހަމަކޮށް، އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން

ޢީދު ނަމާދުގެ ވަގުތު ވަންނާނީ ލޮންސިއެއްގެ މިންވަރަށް ( ގާތްގަނޑަކަށް އިރު އަރާ ވަގުތުން ފެށިގެން 20 މިނެޓް ) އިރު އެރުމުންނެވެ. އެންމެންގެ މަސްލަޙަތަށްޓަކައި ރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށަނީ 7:30 ގައެވެ.

ރިފަރެންސް :

މިސްޓިރީ އޮފް އިސްލާމިކް އެފެއާޒްގެ ސަރކިއުލަރ ނަންބަރު: 142-C2/CIR/2020/35

  كتاب الصلاة  ނަމާދުގެ ޙުކުމްތައް (މުޙައްމަދު އިބުރާހިމް، ނައިފަރު)  ސ 355

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ