ނަޝީދުގެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް އާއްމުކޮށްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފެންނަ ފޮޓޯތަކެއް އާއްމުކޮށްފިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރިން ހިންގަވާފައި މަޖީދީމަގުގެ ކަންމަތީގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެއެވެ. އަދި އެ ރޭޒާ ފުއްތަށް ހަށިގަނޑުގެ މުހިންމު ގުނަވަންތައް ފޫއަޅުވާލި އިރު، އެ އެތިކޮޅުތައް ނަގަން 16 ގަޑިއިރުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އިތުރުފަރުވާ އަށް އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވަނީ އެގައުމުގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ. އެކަމުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ޖަރުމަނު ސަރުކާރުންނެވެ.

ރައީސް ނަޝީދުގެ އިޒުނަފުޅާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރީ ޖަރުމަން ހޮސްޕިޓަލުގައި ފަރުވާ ފެށުމުގެ ކުރިން އެމަނިކުފާނު އޮތް ހާލުކޮޅެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އެމަނިކުފާނުގެ ވާތް ފަރާތުން ހިތާ ދިމާލުންނާއި ބަނޑުގެ މެދުން ބޮޑު އޮޕަރޭޝަނެއްކޮށް، ފަހާފައި ހުރިތަން ފެނެއެވެ. އަދި ވާތުގެ އަތުގައި އޮތީ ބެންޑޭޖު ކޮށްފައެވެ.

އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ރައީސް ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ، އެ ފޮޓޯތައް އާންމުންނާ ހިއްސާ ކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ ކަމަށެވެ. އަދި ހަށިގަނޑަށް ލިބިފައިވާ ޒަހަމްތައް ވަރަށް ސީރިއަސް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަޒުމް ވަރުގަދަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ