ދީނާ ޚިލާފޭ ނުބުނެވޭ އިސްލާހަކީ ސީދާ އިލްމުވެރިންނަށް ދެވޭ ހަމަލާއެއް: ރައްޔިތުންގެ އިއްތިހާދު

ޚަބަރު އިޖުތިމާޢީ ފަހުގެ

ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ޤާނޫނީ ގޮތުން ހިމާޔަތް ކުރެވިފައިވާ ގޮތަށް ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހް ރައްޔިތުންގެ އިއްތިހާދުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ގިނަ އިލްމުވެރިން ތިއްބަވާ، ރައްޔިތުންގެ އިއްތިހާދުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އިސްލާހަކީ އެމްޑީއެންއިން މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި، އުތެމަ ޖަމިއްޔާއިން، ކުފުރުވުމާއި، ޒިނޭ ކުރުން ހުއްދަކޮށް ނެރުނު ރިޕޯޓް ދިފާޢުކޮށް، ބަޔަކު އަޑީގައި ތިބެ ކުރާ ލާދީނީ އަދި ގައިރު ގާނޫނީ އަމަލެއް ކަމަށް ދެކޭ ކަމަށެވެ. މީގެ އިތުރުން މިއީ އިލްމުވެރިންނަށް ދެވޭ ސީދާ އަނިޔާއެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ސިފަ ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ އަޑިނުބައިވެގެންވާ އަމަލެއް ކަމަށާއި މިހާރުން މިހާރަށް މި ފަސާދަ ހުއްޓާލަން ޖެހޭ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. މި ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައި ވަނީ، ގާނޫނަކުން ބަނގުރާ ވިއްކުން ހުއްދަ ކޮށްގެން އެކަން ކުރަމުން ދާއިރު، ފާއިތުވި 43 އަހަރުގެ ކުށުގެ ރެކޯޑަށް ބަލާއިރު ކުށްތަކުގެ 64% އަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްތުވާތަކެއްޗާއި ގުޅިފައިވާ ޖަރީމާތައްކަން ފާހަގަކުރައްވާފައެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ މުޖުތަމައުގައި ބަނގުރާ އާންމުކުރުމަށްޓަކައި ކުރީގެ ސަރުކާރަކުން ބިލްތައް ހުށަހެޅި ކަންވެސް މިއަދު ރައްޔިތުންގެ އިއްތިހާދުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. އަދި އިޖުތިމާއީ އެކިއެކި ހައްގުތަކުގެ ނަމުގައި މި ކުޑަކުޑަ މުޖުތަމައު ފަސާދަކޮށް، ސައްތައިން ސައްތަ އިސްލާމީ ގައުމެއް ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިސްލާމީ ޝަހްސިއްޔަތު އެކީ އެކަށް ފުނޑުފުނޑު ވެގެންދާނެ ކަމީ ފެންނާން އޮތް ހަގީގަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ފާޅުގައި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެންގެ ރިޕޯޓުވެސް ފަސްއަޅާއި ފޮރުވާލާއިގެން ތިބޭއިރު، މިފަދަ އެއްވެސް ކަމަަކަށް ގާނޫނީ ފިޔަވަޅެއް ނާޅާ އަދި އެޅުމަށް މަސައްކަތެއް ނުކޮށް މިފަދަ ގާނޫނުތައް ހެދާތީ މިގެ މަގްސަދު ވަރަށް ސާފު ކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ