ތުރުކީ ބަލިކޮށް އިޓަލީން ފެށުން ރަނގަޅުކޮށްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޔޫރޯ 2020 ގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ އިޓަލީން ތުރުކީ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޔޫރޯގެ ކުޅުން ހުކުރު ދުވަހުގެރޭ ފެށިއިރު، ފުރަތަމަ މެޗުން އިޓަލީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިޓަލީގެ ރޯމުގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން އިޓަލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އިޓަލީން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އެ ގައުމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީއަށް ވަނީ އޭރިއާތެރިން ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރޭ ހުހަށްހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ކީޕަރު ގޯޚާން އައްކަންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އިޓަލީން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 53 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ތުރުކީގެ މެރިހް ޑެމިރަލްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި އިޓަލީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޗީރޯ އިމޮބިލޭއެވެ.

މި ލަނޑަށްފަހުވެސް އިޓަލީން ތުރުކީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 79 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އިމޮބިލޭގެ އެހީތެރިކަމާއެކުއެވެ.

ގްރޫޕް އޭ ގެ ފުރަތަމަ މެޗުން އިޓަލީ މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ސްވިޓްޒްލެންޑް އާއި ވޭލްސް ބައްދަލުކުރާ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު 18:00 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ