ޑެންމާކް ބަލިކޮށް ބެލްޖިއަމް ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ޑެންމާކް ބަލިކޮށް ދެވަނަ ބުރަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

ކޯޕަން ހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 99 ވަނަ ސިކުންތު ތެރޭގައި ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. ޕިއޭ-އެމީލް ހޮއިބިއާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔުސެފް ޕޯލްސަންއެވެ. މިއީ ޔޫރޯ ތާރީޚުގައި ފެނުނު ދެވަނައަށް އެންމެ އަވަސް ލަނޑެވެ.

އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ބެލްޖިއަމުގެ ޑްރީސް މާޓެންސްއަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބެލްޖިއަމުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ގޯލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން ފެށީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާއެކުއެވެ. އެއާއެކު ބެލްޖިއަމުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު މެޗުގެ 54 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޑި ބްރޭނާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ ލަނޑު ޖަހައި، މި މެޗުން ބެލްޖިއަމް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގައި ދެން ހިމެނޭ ރަޝިއާ އާއި ފިންލެންޑަށް ދެ މެޗުން 3ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ