ސްކޮޓްލެންޑުން އިންގްލެންޑް ހިފަހައްޓައިފި

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ ހަތަރުވަނަ މިނެޓުގައި ސްކޮޓްލެންޑުން ވަނީ އިންގްލެންޑްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ޗޭ އެޑަމްސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިންގްލެންޑުގެ ޑިފެންޑަރުންނެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ސްކޮޓްލެންޑުގެ ސްޓީފެން އޮޑޯނެލް ފޮނުވާލި ނުރައްކާތެރި ހަމަލާ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިންގްލެންޑުގެ މޭސަން މައުންޓަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ އެޑަމްސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި ނަތީޖާއާއެކު އިންގްލެންޑް އޮތީ ގްރޫޕް ޑީ ގެ ދެވަނައިގައި ކުޅުނު ދެ މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކަށްވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި ހަތަރުވަނައިގައި އޮތް ސްކޮޓްލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ