“ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު” އަށް ހުށަހެޅިފައިވާ އިސްލާޙު ފާސްނުކުރުމަށް ގޮވާލުން

ހަނިމާދޫ އިޖުތިމާޢީ ފަހުގެ

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ހުށަހެޅިފައިވާ އިސްލާޙު ފާސްނުކުރުމަށް ގޮވާލުން

އިސްލާމުދީނަށް ތައުހީނުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއްކަމުގައި ނުދެކެމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިންވެސް އިސްލާމުދީނަށް ތައުހީނުކުރުމުގެ ހައްގު ނުލިބޭނެކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން އެނގެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމުދީނަށް ތައުހީނުކުރުމަކީ ޤާނޫނީ ކުށެއްކަން ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 617 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތްއިރު، އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމުދީންކަމަށް ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، އިސްލާމުދީނުގައި ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކޮންމެ ކުށަކީ ދިވެހިރާއްޖޭގައި ޤާނޫނީ ކުށެއްކަން އެނގެން އޮތްއިރުވެސް، MDN އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމުދީނަށް ތައުހީނުކޮށްފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތް ހިނދުގައިވެސް، އެ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅެއް އެޅިފައި ނެތްކަމާ، އެފަދަ އަމަލުތައް ކުރާ މީހުން މިނިވަންކަމާ އެކު އުޅޭކަމީ ފެންނަން އޮތް ހަގީގަތްކަމަށް ވީހިނދު،

އަދި ޤާނޫނު ނަންބަރު: 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން “އެއްވެސް ބާވަތެއްގެ އަނިޔާއަކަށް ހިތްވަރުދޭ އަދި މީސްތަކުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުން” އަކީ މިހާރުވެސް މަނާކެމެއްކަމަށް ވީހިނދު،

ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހަކީ އިސްލާމުދީނާ އިދިކޮޅު އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި، ދީނާ އިދިކޮޅު އަމަލުތަކާއި ވާހަކަތަކަށް ރައްދުދިނުމާއި އެކަންކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، ދީނީ އިލްމުވެރިންގެ ދޫތައް ބަންދުކޮށް، އިސްލާމުދީނަށް ތައުހީނުކުރާ ފަރާތްތަކަށް ޤާނޫނީ ހިމާޔަތް ލިބޭގޮތަށް ފަރުމާކުރެވިފައިވާ ބިލެއްކަމުގައި ދެކެމެވެ.

އިސްލާމުދީނުގެ އަސްލަކާ ހިލާފުނުވާނެ ގޮތުގެ މަތިން ހިޔާލު ފާޅުކުރަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު، މި އިސްލާހުގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް އުނިކަން އަންނަކަމުގައި ދެކެމެވެ.

މި އިސްލާހަކީ، އިސްލާމުދީނުގައި އައިސްފައިވާ “ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތައް ނަހީކުރުން” ޝިއާރާ ފުށުއަރާ އަދި ލާދީނީ ފިކުރުތަކަށް ޤާނޫނީ ގޮތުން ގައުމު ހުޅުވާލެވޭ ގޮތަށް އޮތް އިސްލާހަކަށް ވީހިނދު، އިސްލާމުދީނުގެ އަސްލަކާ ހިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީއާއި، އިސްލާމުދީނުގެ އަސްލަކާ ހިލާފު އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއާއި، 

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދީފައިވާ އަސާސީ ހައްގެއްގެ މިނިވަންކަން ގާނޫނު އަސާސީއާ ތަޢާރުޟުވާގޮތަށް ހިފެހެއްޓޭގޮތަށް އޮތް އިސްލާހަކަށްވާތީ، މި އިސްލާހަކީ ޤާނޫނީ ގޮތުން ފާސްކުރެވިދާނެ އިސްލާހެއްކަމަށް ނުދެކެމެވެ.

މީގެ އިތުރުން، އިސްލާމީ ދައުވަތު ދިނުމާއި އިސްލާމީ ވަހުދަތު ގާއިމުކުރުމަށް އެންމެ ބުރަކަށް މަސައްކަތްކުރައްވާ ދީނީ އިލްމުވެރިންގެ ތެރެއިން 100 އަށް ވުރެ ގިނަ އިލްމުވެރިންވަނީ މި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މި އިސްލާހު ފާސްނުކުރުމަށް ގޮވައިލައިފައެވެ. މި އިސްލާހުގެ ސަބަބުން އެ އިލްމުވެރިންނާއި ހަވާލު ކުރައްވާފައިވާ ބުރަބޮޑު މަސްއޫލިއްޔަތުކަމުގައިވާ ދީނަށް ގޮވައިލެއްވުމަށް، ޤާނޫނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށާ، އިސްލާމުދީނާ ހިލާފު އަމަލުތައް ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ދީނީ ޒިންމާއެއްކަމަށް ވީއިރު، އެ ޒިންމާއަށްވެސް ޤާނޫނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ދެކެމެވެ.

ވީމާ، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް އިންކާރުކުރާ ހާލު، މި އިސްލާހު ފާސްކުރުން ހުއްޓުވައިދެއްވުމަށް ކަމާ ގުޅުންހުރި އެންމެހައި ފަރާތްތުގެ އަރިހުން އާދޭހާއެކު އެދެމެވެ. އަދި މި އިސްލާހު ފާސްނުކޮށް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ