ޕީޕީ ލުމަކީ ލާޒިމު ކަމެއް ނޫންހެން ހީނުވޭތަ؟

ހަނިމާދޫ ރިޕޯޓް އިޖުތިމާޢީ ފަހުގެ

ހަނިމާދޫން ކޮވިޑް 19 ފެނި މި ބަލިމަޑުކަމުގައި ކަމާއިބެހޭ އިދާރާތަކުން ކުރާ ދޯހަޅި ކަންތަކުގެ ވާހަކަ މީގެ ކުރިވެސް ތި ބޭފުޅުންނާއި ހަމައަށް ތިލަކޮށްދީފައިވާނެއެވެ. އޭގެ ސަބަބުން ކަމެއް ނޭނގެއެވެ. ނަމަވެސް ބައެއް ކަންތައްތަކަށް ހެޔޮ ބަދަލު އައިސްފައިވާ ތަން އެބަ ފެނެއެވެ.

މިފަހަރު ވެސް މިއޮތީ ހަމައެކަހަލަ ވާހަކައެކެވެ. މިވާހަކަ ދެއްކީމަވެސް ބަޔަކު ރުޅި އަންނާނެއެވެ. އެކަމަކު ކުރާނީވެސް ވަކި ކީއްހެއްޔެވެ. ކޮންމެވެސް ބަޔަކު މިވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. ބުނަން މި އުޅެނީ ކޮވިޑް–19 އަށް ޝައްކުކުރެވޭ ނުވަތަ ރެންޑަމް ސާމްޕަލް ނަގަންދާއިރު ސިއްހީ ހިދުމަތްތެރީން ޕީޕީ ގަޔަށް މަހާނުލައި އުޅޭ ކަމުގެ ވާހަކައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، އަބަދުމެ އަތްދޮވުމަށާއި، ސާފު ތާހިރުކަމަށް ސަމާލުވުމަށާއި، ގައިދުރުކަން ބެހެއްޓުމަށް ނަސޭހަތްތެރިވާ ބޭކަލުންގެ ވާހަކައެވެ. މި ބޭކަލުންނާއި ޖެހުމުން އެއްކަލަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތެވެ. މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫނެވެ. ހަނިމާދޫގެ ގިނަބަޔަކަށް ފެންނަ މަންޒަރެކެވެ. ގިނަބަޔަކު އެކަމާއި މެދު ކަންބޮޑުވާ ސުވާލު އުފައްދާ ކަމެކެވެ. މިކަން އިތުރަށް ޔަގީންކޮށްލުމަށް ހަނިމާދޫ ހެލްތު ސެންޓަރުގެ ރަސްމީ ފޭސްބުކް ޕޭޖު ހާވާލާށެވެ.

އިޝްތިހާރު
އިޝްތިހާރު

އެސުވާލުގެ ޖަވާބު ހޯދާލުމަށް މަސައްކަތް ކުރަން ފެށީމެވެ. ޕީޕީއާ ގުޅޭ ގައިޑުލައިނެއް ފެނޭތޯ އެޗް.ޕީ.އޭގެ ސައިޓު ހޯދާ ބެލީމެވެ. ނުފެނުނެވެ. އާއެކެވެ. އެކަހަލަ ގައިޑުލައިން ތަކަކީ އެތެރޭގެ އިސޫލުތަކަށްވުން ގާތެވެ. އެހެން ގޮތަކަށް ބުނާނަމަ، އެތަނެއްގެ އެސް.އޯ.ޕީގައި އޮވެދާނެއެވެ.

ލިޔެވިފައިވާ އެއްޗެއް ފެންނަން ނެތުމުން އަޅުގަނޑު ދެކޭގޮތުގައި ދެން އޮތީ އާއްމު ވިސްނުމުން ބަލާއިރު އެންމެ ހަމަޖެހޭ ގޮތް ނުވަތަ ލޮޖިކަށާއި މުޖުތަމައުގައި އާއްމުގޮތެއްގައި އެކަންކުރަމުން އަންނަ ގޮތްތަކަށް ބެލުމެވެ.

އެގޮތުން ބައެއް ތަންތަނުގައި އަމަލު ކުރާގޮތް ހޯދައިލީމެވެ. ހއ. ދިއްދޫ އަށް ބަލާއިރު ސާމްޕަލް ނަގަންދާ ޓީމް އެއްކޮށް ތިބެނީ ޕީޕީ ލައިގެންނެވެ. ކުޅުދުއްފުށީ، ފުނަދޫ، މާލެ އަށް ބެލިޔަސް ފެންނަނީ ކޮވިޑް-19 ޝައްކުކުރެވޭ ފަރާތެއް ނުވަތަ ކަރަންޓީން ކުރެވިފައިވާ ތަނަކަށް ސާމްޕަލް ނަގަންދާއިރު ދާ ހުރިހާ ފަރާތެއް ޕީޕީ އަޅައިގެން ތިބޭ މަންޒަރެވެ. ޔަގީންކޮށްލުމަށް ޓީވީ ހުޅުވައި ބަލާލާށެވެ. މާލޭގެ މަގުތައް މަތިން ސާންޕަލު ނެގުމަށްޓަކައި މީހުން ހުއްޓުވަން ހުންނަ ޕޮލިސް އޮފިސަރުންވެސް ތިބެނީ ޕީޕީ ލައިގެންކަން އިނގޭނެއެވެ. ރާއްޖޭގެ ތޮށިގަނޑު ފަޅާލައި ބޭރު ކަރަކަރައަށް ބަލައިލިޔަސް މިކަން އޮތީ މިހެންނެވެ.

ދެން އޮތީ ލޮޖިކެވެ. ތިބާގެ ކުރިމަތީގައި ދެ ގޮތެއް އޮވެފައި އެއް ގޮތުގައި ސުބުހެއް އުޅޭނަމަ، ސުބުހު އޮތް ގޮތުން ނުކުމެ، ސުބުހު ނެތް ގޮތުގައި ހިފުން ރައްކާތެރިއެވެ. މިގޮތުން ބަލާއިރު، ބަލިމީހާޔާ ދިމާވަނީ ސާންޕަލު އަމަލީގޮތުން ނަގާ މީހާ އެކަނި ކަމުގައި ބެލިޔަސް، ހަމަ އެގަޑީގައި ސާންޕަލު ނަގާ މީހާޔާ، ޓީމުގައި ހިމެނޭ ބާކީ މީހުންނާ ދިމާވާނެތާއެވެ.

ހަނިމާދޫން ތަފާތު މަންޒަރެއް ފެންނަނީ ފަހަރުގައި ހަނިމާދޫއަށް އެކަށީގެންވާ ވަރަށް ސަރުކާރުން ޕީޕީ ނުދޭތީ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ
އެސް.އޯ.ޕީގައި އެގޮތަށް އޮތީމަކަމަށްވެސް ވެދާނެއެވެ. އޭގައި ޕީޕީގެ ވާހަކަ އައިސްފައިވާނަމަ، އެޔާ ހިލާފު ނުވާނެ ގޮތަކަށް ޢަމަލުކުރުމުން އުސޫލީގޮތުން ބަލާއިރު މައްސަލައެއް ނޯންނާނެކަން އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި ހަވަނަ ހިއްސު ބޭނުންކޮށް އެންމެ ރައްކާތެރިގޮތް އިޚްތިޔާރުކުރުން އެއީ ބުއްދިވެރި ގޮތް ނޫންހެއްޔެވެ. ބައްޔަށް ހުށަހެޅިދާނެ އެންމެހައި ކުޑަކުޑަ ކަމަކަށްވެސް ފަރުވާތެރިވުން ކީއްތޯއެވެ.

ރައްޔިތުންނަށް ކަންކުރަންވީ ގޮތާއި އުޅެންވީ ގޮތް އަންގައި ބުނެދިނުމަށް ރަށުގައި ޤާއިމްކުރެވިފައިވާ ބައެއްގެ ފަރާތުން މިކަހަލަ ކަންތައްތަކެއް ފެނުމުން ހިތާމަކުރަމެވެ. ކަރަންޓީނުގައި ހުންނަ ރަށު ރައްޔިތަކު ކަރުކެހިލިޔަސް އެކަން ކުށްވެރިވެއެވެ. ބޭރު ތެރެއަށް ބަލާލައި ލޯ ދިއްކޮށްލުމަކީވެސް އަމުދުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެކަނިމައި އެކަނި 14 ދުވަހު ބަންދުވެފައި ހުންނަ މައިމީހާ މަގުކޮޅުންވެސް ދެކިލައިގެން ނުވާނެއެވެ. ފެންނަ ހިސާބަށްވެސް ގޮސްގެން ނުވާނެއެވެ. ބަލި ފެތުރެނީ އަބަދުވެސް ރައްޔިތުން ބަސްނާހާތީޔޯލައެވެ. ކަމާއި ބެހޭ މުއައްސަސާތަކުން ކުރާ ކަމަކުން ބަލި ފެތުރޭނެ އެއްވެސް ހަމައެއް ނެތެވެ. ނުރައްކަލެއްވެސް ނެތެވެ.

ރައްޔިތުން ބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަކޮށް ބަލި ކޮންޓްރޯލުކުރުމަށް ހުންނަ ފޯރި، މުއައްސަސާތަކުގެ މައްޗަށްވެސް ދައްކާށެވެ. އެހެން ނޫނީ ބަލި ކޮންޓްރޯލުވާނެ ބާއެވެ. އިންސާފާއި އިހުލާސްތެރިކަން ނެތުމަކީ މުޖުތަމައެއްގެ ހަލާކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ