އިންގްލެންޑަށް އެއްވަނަ، ކްރޮއޭޝިއާ ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ޑީގައި ޗެކް ރިޕަބްލިކް ބަލިކޮށް އިންގްލެންޑުން ގްރޫޕުގެ އެއްވަނަ ހޯދިއިރު، ސްކޮޓްލެންޑް ބަލިކޮށް ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ ޗެކް ރިޕަބްލިކް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ފަށައިގެން އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޖެކް ގްރީލިޝް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އަދި މި ލަނޑަށްފަހު ވެސް އިންގްލެންޑަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

މި މޮޅާއެކު އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ލިބުނީ ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. މެޗުން ބަލިވެ ޗެކް ރިޕަބްލިކަށް ތިންވަނައަށް ދިޔަ ނަމަވެސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި އެ ޓީމުވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މީގެ އިތުރުން ދެވަނަ ބުރަށް ކްރޮއޭޝިއާ ދަތުރުކުރީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސްކޮޓްލެންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެއާއެކު ކްރޮއޭޝިއާއަށް ވަނީ ގްރޫޕުގެ ދެވަނަ ލިބިފައެވެ.

ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްރޮއޭޝިއާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޯލާ ވްލަސިޗްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްކޮޓްލެންޑުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަލުމް މެކްގްރެގޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ހިތްގައިމު ލަނޑެއް ޖަހައި އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ އިތުރު ލަނޑެއް ކްރޮއޭޝިއާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ގްރޫޕުގެ ދެވަނަަ ޓީމުގެ ގޮތުގައި ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ލިބިފައިވަނީ ޗެކް ރިޕަބްލިކާ އެއްވަރަށް ހަތަރު ޕޮއިންޓެވެ. ކްރޮއޭޝިއާއަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ