މަރުގެ ދިޔައަކީ އެއް މިލިއަން ރުފިޔާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޚަބަރު ފަހުގެ

މަރުގެ ދިޔައަކީ އެއް މިލިއަން ރުފިޔާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށް ނެރުނު އުސޫލުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އުސޫލުގައިވާ ގޮތުން ކުށުގެ އަދަބެއްގެ ގޮތުގައި މަރުގެ އަދަބު ދެވޭނީ ޤާނޫނުލްއުޤޫބާތުގެ 92 ވަނަ މާއްދާގެ (ޅ) ގައި ބަޔާންވެގެންވާ ފަދައިން މީހަކު މެރުމުގެ ކުށްތަކުގެ ތެރެއިން ގަސްތުގައި އެންމެ އަނިޔާވެރިކޮށް، އެންމެ އަނިޔާދެނިވި ގޮތެއްގައި މީހަކު މެރުމުގެ ކުށަށެވެ. މަރުގެ އަދަބު ކަނޑައެޅުމުގައި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާއާއި 1205 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމަށް އެ އުސޫލުގައިވެއެވެ.

ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެކަމަށްވެސް އުސޫލުގައިވެއެވެ.

މީގެއިތުރުން ދަށުކޯޓުން މައްސަލަ ނިމުނުއިރު، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފައިވާ ޙާލަތުގައި، އިސްތިއުނާފުގެ މުއްދަތު ހަމަވާއިރު ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، އެ މައްސަލައިގެ ޙުކުމް ނިހާއީ ކުރުމަށްޓަކައި ވީއެންމެ އަވަހަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ޙުކުމް ކޮށްފައިވާ މައްސަލަތަކުގައި މައްސަލައިގެ ދެފަރާތުން ކުރެ ކޮންމެ ފަރާތަކުން މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، އެ ޙުކުމްގެ ހުރިހާޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އިސްތިއުނާފީ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މަރުގެ މައްސަލަތަކުގައި ޤިޞާޞް ހިފުމާއި ނުހިފުމާމެދު ގޮތެއް ނިންމުމުގެ ޙައްޤު މަރުވި މީހާގެ ވާރިޘުންނަށް ލިބިގެންވެއެވެ.

އަދި ވާރިޘުންގެ ބަސް ޝަރީޢަތަށް ނެގުމުގެ ކުރިން ވާރިޘުންނަކީ ކޮބައިކަން މައްސަލަ ބަލާ ކޯޓުން ސާބިތު ކުރަންވާނެ ކަމަށާއި ވާރިޘުންގެ ބަސް ހޯދާނީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ނިމިގެން މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމާއިރު ކުށް ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅުމަށްފަހު އަބަދާމެދު ދެފަރާތުން ވާހަކަދައްކާ މަރުޙަލާގައިކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުން މަރަށް މަރު ހިފޭނީ މަރުވި މީހާގެ ވާރިޘުންކުރެ ޢުމުރުން 15 އަހަރު ފުރިފައިވާ ހުރިހާ ވާރިޘުން މަރަށް މަރު ހިފުމަށް ބޭނުންވާނަމައެވެ. އަދި މަރަށް މަރު ހިފުމަށް ވާރިޘުންގެ ތެރެއިން އެކަކު އިންކާރު ކުރިނަމަވެސް ވަރަށް މަރު ނުހިފޭނެއެވެ. އެ ޙާލަތުގައި އެމީހަކަށް ދޭންޖެހޭ އަދަބަކީ ޤަނޫނުގައި ކަނޑައަޅާފައިވާ ޖަލަށްލުމުގެ އަދަބުކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އަދި މަރަށް މަރު ހިފާ ޙާލަތުގައި ފިޔަވައި، މަރުގެ ކޮންމެ މައްސަލައެއްގައި ކައްފާރާ އަދާކުރުމަށް ކުށްވެރިޔާއަށް ޝަރީޢަތުން އަމުރުކުރަންވާނެ ކަމަށާއި މަރުގެ މައްސަލަތަކުގައި ކައްފާރާއަކީ ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުންކަމަށް އެ އުސޫލުގައިވެއެވެ.

މީގެއިތުރުން މަރުގެ ދިޔަ ދިނުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙާލަތްތަކުގައި މަރުގެ ދިޔަ ދިނުމަށް ކުށްވެރިޔާއަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށާއި މަރަށް މަރު ހިފުމުގެ އަދަބު ޝަރީޢަތުން ކަނޑަނާޅާ ޙާލަތުގައި، ވާރިޘުންނަށް ދިޔައިން ޙައްޤުވާ މިންވަރު ލިބިދިނުމަށް ޝަރީއަތުން ކަނޑައަޅަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ