މުޞްޢަބު ބުނު ޢުމައިރު رضي الله عنه، ޒުވާނުންނަށް ނަމޫނާއެއް.

ފަހުގެ ދީން


މުޞްޢަބު ބުނު ޢުމައިރު رضي الله عنهއަކީ މައްކާގެ ޒުވާނުންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިއެކެވެ. ރީތި ފޭރާމާއި މީރުވަސްދުވާ ޢަޠަރު ބޭނުންކުރެއްވުމުގައި މައްކާގެ ޒުވާނުންގެ ތެރޭގައި މަޝްހޫރު ޒުވާނެކެވެ. އެކަލޭގެފާނުގެ މައިންބަފައިންނަކީ މައްކާގެ މުޝްރިކުންގެ ތެރެއިން މުއްސަނދި ބައެކެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މުޞްޢަބު رضي الله عنه ދެކެ މަންމައާއި ބައްޕަ ނުހަނު ލޯބިވާ ކަމުގައި ވިއެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމާ ގުޅިގެން، މައިންބަފައިންގެ އެހީތެރިކަމާއި ތަނަވަސްކަމުން ބޭރުކޮށްލެއްވުނެވެ.

އެންމެ ފުރަތަމަ މަދީނާ އަށް ހިޖުރަކުރެއްވި ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ. މުޞްޢަބު رضي الله عن އާއި އިބްނު އުއްމި މަކްތޫމު رضي الله عنهގެ ދެބޭކަލުން މަދީނާ އަށް ހިޖުރަ ކުރެއްވުމަށްފަހު، މީސްތަކުންނަށް ކީރިތި ޤުރްއާން އުނގަންނައިދެއްވާ ދެ ޤާރީންކަމުގައި ވެގެންދިޔައެވެ.

އިޝްތިހާރު
އިޝްތިހާރު

މުޞްޢަބު ބުނު ޢުމައިރު رضي الله عنهގެ ދަޢުވަތަށް މަދީނާގެ ބޮޑުންކުރެ، މާތްވެގެންވާ އެތައް ބޭކަލަކު އިސްލާމްވެވަޑައިތެވެ. އޭގެ ތެރޭގައި، އުސައިދު ބުނު ޚުޟައިރު رضي الله عنه އާއި ސަޢުދު ބުނު މުޢާޛު رضي الله عنه ހިމެނިވަޑައިގަންނަވައެވެ.

ސިޔަރު ޢައުލާމުގައި އަލްއިމާމުއްޒަހަބީ رحمه الله ޒިކުރު ކުރައްވާފައިވެއެވެ. މަސްޖިދުއްނަބަވީގައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم، އިތުރު އެކަލޭގެފާނުގެ ޞަޙާބީންނާއެކު އިންނަވަނިކޮށް، މުޞްޢަބު ބުނު ޢުމައިރު رضي الله عنه ވަޑައިގަތެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ބޯފޭރާމެއްގެ ހެދުންކޮޅު އެކިތަނުން ވަނީ ވީދިފައެވެ. އެހިނދު، މައްކާގައި މުޞްޢަބު رضي الله عنه އުޅުއްވި ތަނަވަސްކަން ހަނދުމަވެވަޑައިގެން، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ދެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ.

advertisement

މުޞްޢަބު ބުނު ޢުމަރު رضي الله عنه އަކީ ބަދުރު ހަނގުރާމަ އާއި އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް މަތިވެރި ޞަޙާބީއެކެވެ. އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް ކުރިމަތިވި މުޞީބާތުގެ ތެރޭގައި، މުސްލިމުންގެ ދިދަ ހިއްޕަވައިގެން، އެކަލޭގެފާނު ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ހަނގުރާމަ ކުރެއްވިއެވެ.

މުޝްރިކުންގެ ތެރެއިން މީހަކު މުޞްޢަބު رضي الله عنه އަށް ޙަމަލާދީ އެކަލޭގެފާނުގެ ކަނައަތްޕުޅު ބުރިކޮށްލިއެވެ. އެހިނދު، އެކަލޭގެފާނުގެ ވައަތްޕުޅުން ދިދައިގައި ހިއްޕެވިއެވެ. ދެން އެ މުޝްރިކު ކަލޭގެ، މުޞްޢަބު رضي الله عنهގެ ވައަތްޕުޅު ވެސް ބުރިކޮށްލިއެވެ. ދެންވެސް، އެ ދިދަ ބިންމައްޗަށް ވެއްޓުނަ ނުދެއްވައި، ބުރިވެފައިވާ ދެއަތްޕުޅުގެ މުލައްދަނޑިން ދިދައިގައި ހިއްޕެވިއެވެ. އެހިނދު، އެމުޝްރިކު ކަލޭގެ ދިން ހަމަލާއަކުން އެކަލޭގެފާނު ޝަހީދުވެވަޑައިގަތެވެ.

މުސްޢަބު رضي الله عنه ދުނިޔެ ދޫކުރެއްވިއިރު އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ބޯފޭރާން ފިޔަވައި އެހެން އެއްވެސް އެއްޗެއް، އެކަލޭގެފާނުގެ މިލްކުގައި ނުވެއެވެ. އެ ފޭރާމުން އެކަލޭގެފާނުގެ ބޯފުޅު ނިވާކުރުމުން، ފައިންޕުޅު ކަޝްފުވެއެވެ. ފައިންޕުޅު ނިވާކުރުމުން ބޯފުޅު ކަޝްފުވެއެވެ. އެހިނދު، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަމުރުފުޅަށް، މުޞްޢަބު رضي الله عنهގެ ބޮލުންފެށިގެން އެ ފޭރާންލައްވައި، ފައިންޕުޅުން ނިވާނުވެ އޮތް ބަޔަށް އިޛްޚިރު (ވިނައިގެ ބާވަތެއް) އަޅައި ނިވާކުރެވުނެވެ.

ނޯޓް : މިއީ 25 ޖޫން 2021 ވަނަ ދުވަހު ދީނުގެމަގު (އަދަދު 25)ގައި ޝާއިޢުކޮށްފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ