ބޮޑުފިނޮޅު ހަމަނުޖެހުން، 19 ބިދޭސީން ހައްޔަރަށް!

ޚަބަރު ފަހުގެ

ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ މަސްތަކެއް ވެފައިވާތީ އެރަށުގައި މަސައްކަތްކުރާ ބިދޭސިންތަކެއް ރޭ ވަނީ ހަޅުތާލުކޮށްފައެވެ. އަދި އެ ހަޅުތާލުތަކުގެ ތެރެއިން އެރަށުގެ ބައެއް ތަންތަނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ރަށުގައި ތިބި 12 ދިވެހިން ވަނީ ރަހީނުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން ރެއިން ފެށިގެން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި ނަމަވެސް އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކި ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ފުލުހުންނާއެކު އިއްޔެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެ މީހުން ދިއުމުން ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާއިރު އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އެ ދެ ފުލުހުންގެ އިތުރު ވެސް ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލަކު ރޭ ވަނީ ބޮޑުފިނޮޅަށް ގޮސްފައެވެ. އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރީ މި ޓީމުން ގޮސްގެންނެވެ.

ފުލުހުންގެ އިތުރުން ސިފައިންގެ ޓީމެއް ވެސް ބޮޑުފިނޮޅަށްދާން ރޭ ފުރިއެވެ. ނަމަވެސް ސިފައިންގެ ފަރާތުން ފޯރުކޮށްދިން އެއްވެސް އެހީތެރިކަމެއްގެ މައުލޫމާތެއް ހާމަކޮށްފައެއް އަދި ނުވެއެވެ.

ފުލުހުން ބުނީ، ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓުގެ ފުލުހުންނާއި ފުލުހުންގެ ތަހުގީގު ޓީމު ބޮޑުފިނޮޅަށް ދިޔަފަހުން އެރަށުގައި ހަމަނުޖެހުމެއް ހިންގާފައިނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކޮށް، އެރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި 19 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުންނެވެ. އަދި އެ މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ