މަޖިލީހުން މިފެންނަނީ އެމްޑީޕީގެ ހަގީގީ ސިފަ: ޑރ. ޖަމީލް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުން މިހާރު ފެންނަނީ އެމްޑީޕީގެ ހަގީގީ ސިފަކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުން ފެންނަމުންދަނީ އެމްޑީޕީގެ ހަގީގީ ސިފަ ކަމަށެވެ. އަދި އެމްޑީޕީން ކުރަނީ މުޅިންވެސް ބޭކާރު ބަހުސްތައް ކަމަށާއި، ކުރިއަށްނެރެނީ ޒާތީ އެޖެންޑާތަކެއް ކަމުގައި ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އެއް ބޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކޮށް ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވައިލި މައްސަލައަށްވެސް މި ޓްވީޓްގައި ޑރ. ޖަމީލް އިޝާރާތް ކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަން މެންބަރުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުން ދާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު، އެ ޕާޓީގެ އެންމެ އިސްވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވުމަކީ ކަންބޮޑުވެވަޑައިގަންނަވާ އަދި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގައި ނަފްރަތު ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލަން ސަރުކާރުން އުޅޭކަމުގެ ތުހުމަތު ކުރައްވައިފައެވެ.

މީގެ އިތުރުން، އެމްޑީޕީގައި އޮތީ ފިނޑި ސުޕަރ މެޖޯރިޓީއެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ވިދާޅުވެފައެވެ. ޑރ. ޖަމީލްގެ ޓްވީޓްގައި މިކަމަށްވެސް އިޝާރާތް ކުރައްވާފައިވެއެވެ.

2019 ވަނަ އަހަރު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި “އެޖެންޑާ 19” ތަފާތުވާނެ ކަމަށް އެމްޑީޕީން ބުނަމުންގެންދިޔައެވެ.

ނަމަވެސް، މިހާރު އިވެމުންދާ އަޑަކީ، މަޖިލީހުގެ އަޣުލަބިއްޔަތު އޮވެމެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެމްޑީޕީއަށް ފުއްދާ ނުދެވޭ ވާހަކައެވެ. މަސްއޫލިއްޔަތު އަދާނުކުރެވޭ ވާހަކައެވެ.

އެމްޑީޕީއިން އަބަދުވެސް މަސައްކަތްކުރަމުން އައީ އަމިއްލަ ފައިދާއަށް ކަމަށް ސަރުކާރުގެ އިސް މަގާމްތައް ފުރުއްވާފައިވާ ބޭފުޅުން ވަނީ ބުނެފައެވެ.

މިއަދު ކުރެއްވި ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ކަމަށް އެކަށީގެންވާ ނުކުޅެދުންތެރި ވަޒީރުން މަޖިލިސް މެދުވެރިކޮށް ޖަވާބުދާރީ ނުކުރުވޭ ކަމަށާއި، އަދި ސަރުކާރުގެ ތެރެއިން ފާޅުގައި ކޮރަޕްޝަން ހިންގާ ކަމަށްވެސް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައި ވެއެވެ.

advertisement
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ