ހަނިމާދޫ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލް ނިމޭނެ ތިން ވަނަ ތާރިހެއް ރައީސްގެ ދަތުރުގައި ލިބިގެން ދާނެކަންނޭނގެ!

ހަނިމާދޫ ރިޕޯޓް ފަހުގެ

ހަނިމާދޫ ސްކޫލްގެ މަލިޓިޕާޕޯސް ހޯލް ހަދަން ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށް، އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. ބިން ހަވާލުކުރާތާ، 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެ އެއްބަސްވުން އެކުލަވާލީ 2016 ވަނަ އަހަރުގެ މާރޗު މަހު 15 ވަނަ ދުވަހުއެވެ.

އެ މުއްދަތުގައި އެތަނުގެ މަސްކަތް ނުނިމި ހުއްޓައި 1 އޮގަސްޓް 2019 ގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހަނިމާދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2019 ވަަނަ އަހަރުގައި ބޭއްވުމަށް ތާވަލުކޮށްފައި ވާ ޖަލުސާ ބޭވޭވަރަށް އެތަން ނިންމައިދޭނެކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިބަސް ބިލާހަކަށްވެފައިވަނިކޮށް ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް އެމްޑީޕީގެ ފަރާތުން ކައުންސިލު އިންތިހާބުގައި ވާދަކުރާ ހަނިމާދޫ ކެންޑިޑޭޓުންގެ އިތުރުން ހދ އަތޮޅުގެ ކެންޑިޑޭޓުންނާއި، ދެ ރައީސުން 22 ފެބުރުއަރީގައި ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ހަރަކާތުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ސްކޫލްގެ މަލްޓިޕާރޕަސް ހޯލް މި އަހަރުގެ އޭޕްރިލް މަހުގައި ނިންމައި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެ ބުނާ އޭޕްރީލް ނިމި ޖުލައި މަސް ދެބައި ވިއިރުވެސް ތަންހުރީ ނުނިމިއެވެ. އެތަނުގެ މަސައްކަތްތައް ތަފާތު އެތަށް ބަޔަކަށް މިހާތަނަން ހަވާލުކުރެވިފައި ވެއެވެ.

އަނެއްކާވެސް މިއޮތީ އައު ތާރިހެއް ލިބުމުގެ ފުރުސަތެކެވެ. މިހަފުތާ ބަންދާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނިމާދޫއަށް ކުރައްވާ ދަތުރުފުޅުގައި އަނެއްކާވެސް ތާރިހެއް ދެއްވުން ގާތެވެ.

ތަރައްގީގެ ކަންތައް މެކުހަށް ޖަހަން ސަރުކާރުން އެދުނު ގޮތަށް ފުލް މެޖޯރިޓީ ދިނީމައި ހަނިމާދޫ ރައްޔިތުންނަށް ހައްގުވަނީ މި މިންވަރު ހެއްޔެވެ. މިފަހުން ހެދި ޓާފު ދަނޑުވެސް އޮތީ އަމާ ބުނީތީ ފަރަށް ދާހެންނެވެ. ބަނދަރު މަސްރޫޢުވެސް ދަނީ ފިނިހަކަ ދުވެލީގައެވެ. 2020 ވަނަ އަހަރު މޭ 5 ގައި މޮބަލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިންމަން ދިން އެއް އަހަރާއި ދެ މަސްދުވުގެ ތެރޭގައި އެ ބަނދަރެއްވެސް ދެނެއް ނުނިންމޭނެއެވެ.

މަގު ހެދުންވެސް ހަމަ މިހެންނެވެ. ޖުމްލަ 46.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 204 ދުވަހުން ނިންމުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.

ތަފާތު ބަހަނާ ދައްކާ ކޮންޓްރެކްޓަރާއި ސަރުކާރުން ބޯދަމައިގަންނާނެއެވެ. ރައްޔިތުންގެ ހައްގެން ނުފެންނާނެއެވެ. މިގޮތަށް ނުނިމި ލަސްވުމުގެ ސަބަބުން ރައްޔިތު މީހާ އުފުލާ ތަކުލީފެއް އިންތިހާބެއް ބޯމަތިވުމުން ނޫނީ ނުފެންނަކަހަލައެވެ. އަމުދުން އެއްޗެކޭ ބުނެފިނަމަ، ތަންދޮރު ނުބަލައި ހަޅޭލަވަނީއެވެ. ގޯސްވާނީ ރައްޔިތު މީހާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ