ގަވައިދުތަކާއި ހިލާފުވުމުންނާއި ޤަވައިދާއި ހިލާފަށް ޕާކުކުރާނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް ލައިސަންސް ބާތިލުކުރަނީ

ޚަބަރު ފަހުގެ

ގަވައިދުތަކާއި ހިލާފުވުމުންނާއި ޤަވައިދާއި ހިލާފަށް ޕާކުކުރާނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް ލައިސަންސް ބާތިލުކުރާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އެ މިނިސްޓްރީންވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އައު ޤަވައިދު އާއްމުކޮށްފައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއްމުކުރި އައު ޤަވައިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އައު ޤަވައިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކާއި ހިލާފުވާނަމަ ލައިސަންސާއިއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އައު ޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ. އަދި މިކުށް 2 ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުވެއްޖެނަމަ ކޮންމެ ފަހަރަކު 25 ޕޮއިންޓް އުނިވާނެއެވެ.

އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. މީގެއިތުރުން ކަނޑައެޅިފައިވާ ބާރިމުނަށްވުރެ ބާރަށް ދުއްވި ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

މީގެއިތުރުން ވަންވޭގައި ނުބައިކޮޅަށް ދުއްވުމާއި ޤަވައިދާ ހިލާފަށް ޕާކުކުރުމުންވެސް ލައިސަންސުން ޕޮއިންޓް އުނިވާނެއެވެ. ވަންވޭގައި ނުބައިކޮޅަށް ދުއްވައިފިނަމަ ނުވަތަ ޓްރެފިކް ލައިޓާއި ހިލާފުވެއްޖެނަމަ އެކުށް 2 ފަހަރަށްވުރެ ގިނައިން ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކަށް 10 ޕޮއިންޓް ކަނޑާނެއެވެ. އަދި ޤަވައިދާ ހިލާފަށް ޕާކުކޮށްގެން އިސްޓިކާ ޖަހާ ކޮންމެ ފަހަރަކު ވެހިކަލްގެ ވެރިފަރާތުގެ ލައިސަންސުން 5 ޕޮއިންޓް ކަނޑާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ވިދާޅުވީ ޤަވައިދުތަކާއި ހިލާފުވެގެން ލައިސަންސްއިން ޕޮއިންޓް ހުސްވެ ލައިސަންސް ބާތިލުވެއްޖެނަމަ އަލުން ލައިސަންސް ނެގޭނީ 6 މަސްދުވަސް ފަހުންނެވެ. އަދި އެމީހަކަށް އަލުން ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާނުގައި ބައިވެރިވެ ފާސްވެއްޖެނަމައެވެ.

މީގެއިތުރުން އައު ޤަވައިދުގައިވަނީ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓެނެ އުސޫލުތަކެއްވެސް ކަނޑައަޅާފައެވެ. މިގޮތުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ކުށް 2 ފަހަރަށް ތަކުރާރުވެއްޖެނަމަ އެމީހެއްގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓާނެއެވެ. އަދި އެކްސިޑެންޓެއްވެއްޖެނަމަ ތަހުޤީގުގެ ބޭނުމަށް 7 ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރުވެސް އައު ޤަވައިދުގެ ދަށުން ލިބިގެންދެއެވެ.

އައު ޤަވައިދުގައިވާ ގޮތުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ވެހިކަލް ދުއްވާފިނަމަ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން ވެހިކަލްވެސް 15 ދުވަހަށް ޓޯ ކުރާނެއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް މިމަހުގެ 15 ވަނަދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ