މާދަމާއަކީ މިއަހަރުގެ ޢަރަފާތު ދުވަހެވެ. މި ރަނުގެ ފުރުސަތު ނަގާނުލައްވާ!

ޅެން ފަހުގެ

މާދަމާއަކީ މިއަހަރުގެ ޢަރަފާތު ދުވަހެވެ. މި ރަނުގެ ފުރުސަތު ނަގާނުލައްްވާށެވެ.

މާދެން މިއީ އެދުވަސް ގަންދެއްވާ ﷲ ބަސްފުޅު ވަހީކުރަށްވާފައިވާ ދުވަހެވެ. މާދަމާއަކީ އަހަރެމެންގެ ފަޚުރު އަދި މިނިވަންކަމުގެ އަސްލުކަމުގައިވާ އިސްލާމްދީން އަޅުގަނޑުމެންނަށްޓަކައި ފުރިހަމަކޮށްދެވިކަމަށް އެކަލާނގެ ބަސް ވަހީކުރެއްވެވި ދުވަސްމެއެވެ. އަދިވެސް ކުރިޔަށް ދަމާތޯއެވެ. މާދަމާއަކީ އެދުވަހެއްގައި އެތައް ހާސް އިންސާނުން ނަރަކައިން މިންޖުކޮށްދެއްވާ ދުވަހެކެވެ. އާދެ އެކަލާނގެ އޯގާތެރިކަމާއި ފުއްސެވުމުގެ މަތިވެރިކަން ހާމަވެގެންދާ ދުވަހެކެވެ. މީ ޢަރާފަތު ބިމަށް އެއްވެފައިވާ މީސްތަކުން، މަލާއިކަތުންނަށް ދައްކަވާ ޢާލާމުތަކުގެ ވެރި އިލާހު ފަޚުރުވެރިވެ ވޮޑިގަންނަވާ، ބަސްވަހީ ކުރައްވާ ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނަސް އެދުވަހުގެ ދަރުމައިން އަހުރެމެން މަހުރޫމުވެގެން ނުދެއެވެ. އެދުވަހުގެ ދަރުމައާއި ޘަވާބު ހާސިލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައް ހިއްސާކޮށްލާނަމެވެ.

  • ރޯދަ ހިފުން

ޙައްޖުގެ އަޅުކަމުގެ ފުރުޞަތު ނުލިބުނު އެންމެހައި އަޚުންނާއި ޢުޚުތުންނަށް ކުރެވިދާނެ ޢަރަފާތު ދުވަހުގެ އެންމެ މަތިވެރި އެއް އަޅުކަމަކީ އެދުވަހުގައި ރޯދަ ހިފުމެވެ. އަބޫޤަތާދާ ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. “صيام يوم عرفة، أحتسب على الله أن يكفر السنة التي قبله،والسنة التي بعده” رواه مسلم

މާނައީ: “ޢަރަފާތު ދުވަހުގެ ރޯދައަކީ ފާއިތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއްކަމުގައި ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ.”

  • ގިނަގިނައިން ދުޢާ ކުރުން

ދުޢާ އަކީ މުއުމިނުންގެ ހަތިޔާރެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِين ) (غافر :60)

މާނައީ: ” ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން، ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”

  • ތެދުވެރި ހިތަކާއިގެން، އިޚްލާޞްތެރިކަމާއެކު، ގިނަގިނައިން ﷲގެ އެއްކައުވަންތަކަމަށް ހެކިވުން

ރަސޫލުﷲ صلى الله عليه وسلم ޢަރަފާތު ދުވަހު ގިނަގިނައިން ﷲގެ އެއްކައުވަންތަކަމަށް ހެކިވެ ދުޢާ ކުރެއްވި ކަމުގައި ރިވާވެގެން ވެއެވެ. “كان أكثر دعاء النبي -صلى الله عليه وسلم- يوم عرفة (لا إله إلا الله وحده لا شريك له، له الملك وله الحمد، بيده الخير وهو على كل شيء قدير)” مسند الإمام أحمد

މާނައީ: “ޢަރަފާތު ދުވަހު ރަސޫލުﷲ صلى الله عليه وسلم އެންމެ ގިނައިން ދެންނެވި ދުޢާއަކީ “لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْر” އެވެ..

މާނައީ: “ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އެއްވެސް އަޅުކަމެއްވެވޭ އިލާހަކުނުވާ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

  • ތަކުބީރު ކިޔުން

ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ.

“ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد”

މާނައީ: “މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ، އަދި އެދުވަސްތަކުގައި ކުރެވޭ ޢަމަލަށްވުރެ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާއި [އެބަހީ: لا إله إلا الله] ތަކްބީރާއި[އެބަހީ: الله أكبر] ތަޙްމީދު ކިޔުން ގިނަ ކުރާހުށިކަމެވެ.”.”

  • ތަކުބީރު ކިޔުމުގައި އަންނަނިވި ތިންގޮތުން ކުރެ ކޮންމެ ގޮތެއްވެސް ޘާބިތުވެގެންވެއެވެ

اللهُ أَكْبَرُ، اللهُ أَكْبَرُ لاَإِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ وَلِلّهِ الحَمْد

اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا

اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْد

ދުޢާއަކީ، އަޅުގަނޑުމެންނާ އަރަފާތު ދުވަސް ބައްދަލުވެ، އެދުވަހުގައި ހެޔޮޢަމަލު ކުރުމުގެ ފުރިހަމަ ތަޢުފީގު ﷲ ތަބާރަކަ ވަތަޢާލާ ދެއްވުމެވެ. އަދި އަޅުގަނޑުމެންގެ ފާފަތައް އެކަލާނގެ ފުއްސަވާދެއްވާ، ނަރަކައިން މިންޖުކޮށްދެވުމެވެ. އާމީން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ