މަލީހު އާއި ރުކުމާ އަދި ލޯޔަރު ވައްޑެވެސް ޕީޕީއެމަށް

ޚަބަރު ފަހުގެ ސިޔާސީ

ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަދި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ލޯޔަރު، އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) މިރޭ އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

މި ތިން ބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހަފުލާއެއްގަ އެވެ. ތިން ބޭފުޅުންވެސް ވަނީ ޕާޓީއަށް ސޮއިކުރިކަމުގެ ފޯމް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުالله (އަދުރޭ) އާ ހަވާލު ކުރައްވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭ ސިޓީ ކައުންސިލުގެ ފުރަތަމަ ދައުރުގެ މެމްބަރުކަންވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ، ފެބްރުއަރީ 2019 ގަ އެވެ. އެއީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ފަހުންނެވެ.

އެފަހުން ރުކުމާ ގެންދަވަނީ އެމްޑީޕީއަށާއި ސަރުކަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި، އޭނާގެ ކެމްޕެއިނުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ލޯޔަރު ވައްޑެއަކީ ކުރިން ޕީޕީއެމްގެ މެމްބަރެކެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީވެސް އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމުން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. ވައްޑެ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެކަމާ ގުޅިގެން ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލުގެ ތެރޭގަ އެވެ.މަ

މަލީހުއަކީވެސް ކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަންވެސް އޭނާ ކުރެއްވި އެވެ. ނަމަވެސް މިނިސްޓަރުކަމުން ވަކިކުރެއްވުމުން އެ ޕާޓީ ގޯސްވެ، މަލީހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށް އޭނާ އައްޔަން ކުރެއްވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިނިސްޓަރުކަމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީންވެސް ވަކިވެވަޑައިގެންފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ