ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން، ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. މި މެޗުގައި އިދިކޮޅުން ވާދަ ކޮށްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދިނުމުގައި ހިއްސާވި “ރިހިޖީލް” ގެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ.

އިޝްތިހާރު
އިޝްތިހާރު

20 ޖުލައި 2021 ވީ އަންގާރަ ދުވަހު “އަޟްހާ ޢީދު ދުވަހު” ހަވީރު ހަނިމާދޫގައި ހަދާފައިވާ ޓާފް ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 އިން ކުރި ހޯދައިގެން މި މެޗު ކާމިޔާބު ކޮށްފައި ވަނީ ރިހިޖީލްގެ ޓީމުންނެވެ. މިއީ ހަނިމާދޫގައި ސަރުކާރުން ހަދާފައިވާ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅެވިގެންދިޔަ ފުރަތަމަ މެޗެވެ.

މެޗު ފެށިގެން ގޮސްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަށާއި އަދި ފުޓްބޯޅައިން ހަނިމާދޫއަށް ރީތި ނަން ހޯދައި ދެއްވުމުގައި ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ފަސް ބޭފުޅެއްގެ ހަނދާނުގައި ގެނެވުނު ހަމަހިމޭން ކަމުގެ ސުކޫތަކަށް ފަހުއެވެ. އެ ފަސް ބޭފުޅުންނަކީ އަލްމަރްހޫމް އަންވަރު އަބްދުއްރަހްމާން، އަލްމަރްހޫމް މުޙައްމަދު އާދަމް، އަލްމަރްހޫމް އަބޫބަކުރު ހުސެއިން، އަލްމަރްހޫމް އާދަމް ސަލީމް އަދި އަލްމަރްހޫމް އަބްދުއްލަޠީފް ޤާސިމްއެވެ.

މެޗު ނިންމުމުގެ ރަސްމިއްޔާތުގައި ރަންޖީލުގެ ކުޅުންތެރިންނަށް ވަނީ ދުވަހުގެ ހާއްސަ މެޑަލް ހަވާލު ކޮށްފައެވެ. މީގެއިތުރުން ހަނިމާދޫ ޓީމަށް ކުޅުންތެރިއެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދައި ދިނުމުގެ އިތުރުން ރާއްޖޭގެ އެއްވަނަ ޑިވިޛަންގައި ފުޓްބޯޅަ ކުޅެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މުޙައްމަދު ނާސިރު ފުޓްބޯޅައަށް ކޮށްދެއްވި އަދި ކޮށްދެވަމުން އަންނަ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުވަހުގެ ހާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

މީގެ އިތުރުން ހަނިމާދޫ ފުޓްބޯޅަ ޓީމްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ފާއިތުވެދިޔަ ވިއްސަކަށް އަހަރު ބުރަކޮށް މަސައްކަތް ކޮށްދެއްވި އަދި މިހާރު ވެސް އެ މަސައްކަތުގައި ދެމިހުރި ނާސިރު ސަލީމްގެ ކޮށްދެއްވަމުން އަންނަ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި މީގެ އިތުރުން ވެސް ދުވަހާއި ގުޅޭ ހާއްސަ ހަދިޔާ ވަނީ ބަދަލު ކުރެވިގެން ގޮސްފައެވެ.

މި މެޗު ކުޅުމަށް ބޭނުން ކޮށްފައި ވަނީ ދެހާހުގެ ކުރީކޮޅުގެ އަހަރު ތަކުގައި ހަނިމާދޫ ތަމްސީލް ކުރުމަށް ނުކުތް ޓީމް މެޗުތައް ކުޅުމަށް ބޭނުން ކޮށްފައިވާ ޖޯޒީތަކެވެ.

މި މެޗު ޝަރަފްވެރިންގެ ގޮތުގައި ހަނިމާދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުލް ޤަފޫރު މޫސާގެ އިތުރުން ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހުދީ ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤު މުޙައްމަދާއި، އަދި ކައުންސިލް މެމްބަރު އަލީ އިބްރާހީމް ވެސް ވަނީ ބައިވެރި ވެފައެވެ. އަދި ކުރީގެ ބައެއް ކުޅުންތެރިން ވެސް ބައިވެރިވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ