އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އިތުރު 70 މިލިއަން

ޚަބަރު ފަހުގެ

އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު 70 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތިގައި ދޭން ނިންމާ، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ އެސްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ނިއު ދިއްލީގައި މިއަދު ބޭއްވި ރައްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެއްބަސްވުންތަކުގައި ސޮއި ކުރެއްވިއިރު އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރްއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެއްބަސްވުންތަކަކީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތެކެވެ. މީގެ ކުރިން އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްބަސް ވެފައި ވަނީ ތަރައްގީގެ މަޝަރޫއުތައް ހިންގުމަށް އިންޑިއާގެ އެހީގެ ގޮތުގައި 85 މިލިއަން ރުފިޔާ ރާއްޖެއަށް ދޭގޮތަށެވެ. އެހެން ނަމަވެސް އެ އެއްބަސްވުންތަކުގައި ސޮއި ކުރުމުން މިހާރު އެ އަދަދު ވަނީ 155 އިތުރުވެފައެވެ.

އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި މިހާރުވެސް 12 މަޝްރޫއެއް ހިންގައެވެ. އެ މަޝްރޫއުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތަކާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއުތަކާއި، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއެވެ.

އެ މަޝްރޫއުތަކަކީ މީގެ ކުރިން އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 85 މިލިއަން ރުފިޔާއިން ފަށާފައިވާ މަޝްރޫއުތަކެވެ. ފޮރިން މިނިސްޓްރީން ބުނީ އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫތަކުގެ ތަފްސީލު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ