ހަނިމާދޫ ދެސަރަހައްދަކުން ރުއްގަސް ނަގަން ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ދެސަރަހައްދަކުން ރުއްގަސް ނަގަން ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަން އެ ކައުންސިލުން އިޢުލާން ކޮށްފައިވަނީ މިއަދު ވަކިވަކިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިޢުލާނެއްގައެވެ.

މިއަދު ޝާއިއު ކޮށްފައިވާ އިޢުލާނުގައި ވަނީ ކާނޭޝަންމަގު އިރުމަތީކޮޅުން ފުއްޓަރަށް މަގު ސާފުކޮށް، މަގުހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދުގައި އިންދާފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން އެ ރުއްގަސް ނެގުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ސަރަޙައްދުގައި ރުއްގަސް އިންދުމަށް ހަނިމާދޫ ކައުންސިލުން ނުވަތަ ހަނިމާދޫ އޮފީހުން އެއްވެސް ދުވަސްވަރެއްގައި ހުއްދަ ދީފައިވާނަމަ ހުއްދައިގެ ކޮޕީ ހިއްޕަވައިގެން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ ކުރިން ހަނިމާދޫ ކައުންސިލަށް އައުން އެދޭ ކަމަށްވެސް އިޢުލާނުގައި ވެއެވެ.

އަދި މި މުއްދަތުގައި ނުނަގާ ހުރި ރުއްގަހާއި، ލިޔުމުން ހުއްދަ ލިބިފައިނުވާ ރުއްގަހުގެ ވެރިފަރާތެއް ނެތް ކަމުގައިބަލާ އެތަކެތި އެސަރަހައްދުން ނަގާ ނައްތާލެވޭނެކަން ހަނިމާދޫ ކައުންސިލުން ވަނީ އެ އިޢުލާނުގައި ބުނެފައެވެ.

ދެވަނަ އިޢުލާނުގައި ވަނީ ރަންވޭމަގު އިރުމަތީ ފަރާތު ޕޭމަންޓުގެ މަސައްކަތް ކުރުމަށްޓަކައި މަގުގެ އިރުމަތީ ފަރާތު ކާބްސްޓްރޯން އިން ފެށިގެން 15 ފޫޓު ހިމެނޭ ރަންވޭ މަގުގެ އިރުމަތީ ފަރާތުގައި ހައްދާފައިވާ ރުއްގަސް 2021 އޯގަސްޓް 31 ވަނަ ދުވަހުގެ ކުރިން އެސަރަޙައްދުން ނަގާ ނިންމުމަށް އެދިފައެވެ.

މިސަރަހައްދުގައި ހުރި ރުއްގަހުގެ ތެރޭގައި އެމީހެއްގެ ނަމުގައި މިލްކު ވެރިކަން ސާބިތުކޮށްފައިވާ ރުއްގަހާއި، އެމީހެއްގެ އަތުގައި ރަޖިސްޓްރީ އޮތް ރުއްގަހުގެ ރަޖިސްޓްރީ ހަނިމާދޫ ކައުންސިލަށް ހުށަހެޅުމަށް އަންގާފައިވެއެވެ.

އަދި މި މުއްދަތުގައި ރަޖިސްޓްރީ ހުށަހަޅާފައިނުވާ ރުއްގަހާއި، އަދި މި މުއްދަތުގައި ނުނަގާ ހުރި ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށްބަލާ އެފަދަ ރުއްގަސް ނަގާ އެ ސަރަހައްދު ސާފުކޮށް ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ